ޚަބަރު

ވެލާނާ އެއާޕޯޓުގައި ސްމާޓް ގޭޓުގެ ހިދުމަތް ތައާރަފްކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

މި ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާސިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ "ސްމާޓް ގޭޓް" ހިދުމަތް މިއަދު އިފްތިތާޙްކޮށްފިއެވެ.

Ads by STELCO

މި ހިދުމަތް އިފްތިތާހުކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ވެލާނާ އިންޓނޭޝަނަލް އެއާރޕޯޓްގެ ޕެސެންޖަރ ޓާމިނަލްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދެވެ.

މި ހަފްލާގައި ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު، ކަސްޓަމްސްއާއި  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން، އަދި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެއާޕޯޓް ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރެވި އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެއަރޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާއި ގުޅިގެން، މިއެއަރޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްދިނުމަށް ތައްޔާރަށް. މިއަދު މިފެށުނީ އޭގެތެރެއިން މުހިއްމު ކަމެއް. މީގެ ސަބަބުން ފަސިންޖަރުންނަށް ދެވޭ ހިދުމަތް އަވަސްވެ، ދިމާވާ އިންކޮންވީނިއަންސް ހައްލުކުރެވޭނެ" މީގެ އިތުރުން އާ ޓާމިނަލްއާއި ގުޅިގެން ތަރައްގީ ކުރަންޖެހޭ ކަންކަން ހަލުވި ސްޕީޑްގައި ކުރަމުންދާކަމުގައިވެސް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓާ އަދި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލުކަމަށްވާއިރު، އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދްމަތް ހޯދާ ދަތުރުވެރިންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންކަމަށްވެފައި، ވީއައިއޭއިން ދެވޭ ހިދުމަތަކީ ގާނޫނާ ގަވާއިދުތަކުގެ އިމުގެ ތެރެއިން އަވަސް އަދި ލުއިފަސޭހަ ހިދުމަތަކަށްވުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން މިއަދު މި އިފްތިތާޙް ކުރެވުނު "ސްމާޓް ގޭޓް" ވެގެންދާނީ ދަތުރުވެރިންނަށް ފަސޭހަކަމާއި އެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިއްމު ވަސީލަތަކަށެވެ.

މި ވަގުތު ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭންކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކާ ހަރުކުރެވި، "ރެޑް ޗެނަލް" އިން ލަގޭޖްތައް ހުޅުވައި، އިތުރަށް ބަލާފާސްކުރަމުން ގެންދެއެވެ.

ސްމާގް ގޭޓް ހިދުމަތާއިއެކު، ކުރިން ބޭނުންކުރަމުންއައި ރަތް ސްޓިކާގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރްއެފްއައިޑީ) ޓެގް" އެވެ. އެހެންކަމުން މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯދަންވާނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސް ފުރިހަމަނުކޮށް ނިކުތުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެކެވެ.

ސްމާޓް ގޭޓްގެ ހިދުމަތް ގާއިމު ކުރުމާއެކު، ހިދުމަތް ހޯދާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވީއައިއޭއިން ބުންޏެވެ. އަދި ހިދުމަތް ގާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވާއިދާއި ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ގާނޫނާއި ގަވާއދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވީއައިއޭއިން ބުންޏެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!