ދީން

ނުބައި ރޭވުންތަކުން ވަޠަން ސަލާމަތްކުރުމަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނުބައި ރޭވުންތަކުން ވަޠަން ސަލާމަތްކުރުމަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ"ވަޠަންދެކެ ލޯބިވުން" މިއެވެ.

ހުތުބާގައި ބުނީ ވަޠަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ޠަބީޢަތުގައި ވާ ކަމެއް ކަމަށާއި އިސްލާމްދީނަކީ އިންސާނީ ފިޠުރަތާއި، އިންސާނިއްޔަތުގެ ދީން ކަމުގައި ވާތީ، އެ ދީން މިކަމާ ދެކޮޅު ނަހަދާ ކަމަށެވެ. ދީން ވެސް މިކަން ޤަބޫލު ކުރާ ކަމަށާއި މީހެއްގެ ދީނާއި ޢަޤީދާއަށްފަހު، އޭނާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަޠަން ކަމަށް ހުތުބާގައި ބުންޏެވެ.

އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާ ޙިޞާރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ޞިހްޔޫނީ ސިފައިން ދެމުންގެންދާ ޙަމަލާތަކާއެކުވެސް ފަލަސްޠީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަޠަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުން ކަމަށާއި މިއީ މިއަދު ފެންނަމުންދާ ވަޠަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް ކަމަށް ހުތުބާގައި ބުންޏެވެ.

ވަޠަންދެކެ ލޯބިވާމީހާ ތިމާގެ ފުށުންވާ ގޯނާތަކާއި، ދުއްތުރާތަކުން ވަޠަނުގެ ކޮންމެ ރައްޔިތަކު ސަލާމަތްކޮށްދޭން ބޭނުންވާނެއެވެ. ރަސޫލު ﷲ މުއުމިނުންނާއި މުސްލިމުންގެ ސިފަތައް ބަޔާންކޮށް ދެއްވަމުން ޙަދީޘް ކުރައްވާފައި ވެއެވެ. (اَلْمُسْلِمُ مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ، وَالْمُؤْمِنُ مَنْ أَمِنَهُ النَّاسُ عَلَى دِمَائِهِمْ وَأَمْوَالِـهِمْ)[1] މާނައީ: "ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން މީސްތަކުންނަށް ސަލާމަތްކަން ލިބިފައިވާ މީހާއެވެ. އަދި ޙަޤީޤީ މުއުމިނަކީ މީސްތަކުންގެ ލެއާއި މުދާތައް އޭނާގެ ކިބައިން އަމާންވެފައި ވާ މީހާއެވެ."

ހުތުބާގައި ބުނީ މުޖުތަމަޢަށް އަމާންކަން ލިބޭނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށްވެ, ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެން ކަމަށެވެ.

ދިވެހިރާއްޖޭގެ ބިމަކީ، ބަރަކާތްތެރި ފަސްގަނޑެއް ކަން ފާހަގަކުރައްވަުން ހުތުބާގައި ބުނީ މާތް ﷲ ވަނީ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވާފައިވާ ކަމަށާއި މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ވަރަށް ގިނަ ކަމަށެވެ.

މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް ޓަކައި، އަހަރެމެން އެކަތިގަނޑަކަށް ވާން ޖެހެ ކަމަށާއި މިކަމުގައި އެންމެންގެ ބަސް އެއް ބަހަކަށް ހަދަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!