ޚަބަރު

މި އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ސޮވަރިން ފަންޑަށް ޖަމާކުރެވޭނެ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރު ނިމޭއިރު ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 100 މިލިއަން ޑޮލަރު ޖަމާ ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކައް ކުރައްވަމުންގެންދަވާ ދަތުުރުފުޅުގައި އަލިފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި އަހަރު ނިމޭއިރު އެ ފަންޑުގައި 100 މިލިއަނަށްވުރެ ގިނައިން ޑޮލަރު ހުންނާނެ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 30 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

”ސޮވެރިން ފަންޑަށް ޑޮލަރު ޖަމާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. މިހާރު ތިރީހަކަށް މިލިއަން ޑޮލަރު ޖަމާވެއްޖެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާ ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި ދައްކަމުންދާ ކަމަށާއި ރައްޔިތުންނަށް ސަރުކާރުން ދައްކަންޖެހިފައިހުރި 9 ބިލިއަން ރުފިޔާގެ ބިލުތައް ވެސް އަދާކުރަމުންދާ ކަމަށެވެ.

އެމަނިކުފާނުގެ ވިސްނުންފުޅަކީ ޓެކްސްތައް ތައާރަފުކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ނުވަތަ ޓެކްސް ދައްކާ ފަރާތްތައް އިތުރުކުރެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދާދި ފަހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!