ޚަބަރު ރައްޔިތުންގެ މަޖިލިސް

އާރްޑީސީ ހިޔާނާތް: މުވައްޒަފެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލައިގައި، އެ ކުންފުނީގެ 11 މިލިއަން ރުފިޔާ ކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުން މިކަން ހާމަކޮށްފައި ވަނީ މި މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން މިކަން ހާމަކޮށް ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ އާރުޑީސީގެ ފައިސާ އެ ކުންފުނީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އަދި މި ފައިސާ ޖަމާކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަން އެނގިފައިވީ ނަމަވެސް އެއީ ކޮން ގޮތަކަށް ދައުރުވެފައި ހުރި ފައިސާތަކެއްކަން މިހާތަނަށް ޔަޤީން ނުވާ ކަމަށް ނާފިޒު ވަނީ ވިދާޅުވެފައެވެ.

އާރްޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ފަރާތްތަކުގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ ކަމަށާއި މިއީ އެތައް ބަޔަކާ ގުޅުންހުރި ޓްރާންސެކްޝަންތަކެއް ކަމަށް ނާފިޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އާރްޑީސީގެ މަސައްކަތް ކުރާ ތިން މީހެއްގެ ޕާސަނަލް އެކައުންޓަށް ލާރި ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 11 މިލިއަން އަނެކަކަށް ދެ މިލިއަން، އަދި ތިން ވަނަ މީހާއަށްވެސް ދެ މިލިއަން ޖަމާކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ފެންމަތިވި އާރުޑީސީގެ ހިޔާނާތުގެ މައްސަލަތައް އެ ކުންފުނިން އޭރު ވަނީ ދޮގުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!