ކެނދިކުޅުދޫ ކައުންސިލް މައްސަލާގައި މިނިސްޓަރު ''ރިއެކްޓް'' އެއް ނުކުރެއްވި!

ރައީސް ޑރ މުހައްމަދު މުއިއްޒު ނ. ކެނދިކުޅުދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސަރުކާރު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓަކަށް ކެމްޕޭނު ކުރެއްވި ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެންގި އެންގުމާއި ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން މިނިސްޓާ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް ދެކޮޅު ހައްދަވައިފިއެވެ.
'މަސްއޫލިއްޔަތުން' ބޭރުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މިއަދު މެންދުރު ދޭއްގެ ކުރިން އެކަން އެންގުމަށް ކައުންސިލުގެ ބެލެނިވެރިފަރާތް ކަަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ކައުންސިލަށް އަންގާފަވެއެވެ. އެކަމަކު އެލްޖީއޭއަށް ގޮންޖަހައި ބަޔާން ބާތިލުނުކުރާނެ ކަމަށް ބުނެ ކައުންސިލުން ވަނީ އިހުތިޖާޖެއް ކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ އާއި އެލްޖީއޭއިން ބަޔާން ބާތިލުކުރަން އެންގި އެންގުން އެއީ އެންމެ ރަނގަޅު ނިންމުމެއްތޯ ''ދެން'' އިން އަހާލުމުން، ކުރެއްވި ސުވާލަށް ސީދާ ޖަވާބެެއް އާދަމް ޝަރީފް ނުދެއްވައެވެ.
ވިދާޅުވީ މި ސަރުކާރުން ކައުންސިލުތަކަށް ހާއްސަކޮށްގެން އުފެއްދި އެ މިނިސްޓްރީގެ ޒިންމާ އަކީ އިދާރީ ދާއިރާތައް ތަރައްގީކުރުމާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައެޅުން ކަމަށެވެ.
އެލްޖީއޭގެ ނިންމުމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވި އެއްޗަކީ މިނިސްޓްރީން ފިޔަވަޅެއް ނާޅާނެ ކަމެވެ. އެކަމުގެ މާ ބޮޑު ތަފްސީލަކަށް ނުދެއެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ކައުންސިލުން ބުނީ އެ ބަޔާން ބާތިލުނުކުރީ، އެކަން ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތަތީވެ ކަމަށެވެ. ބަޔާން ބާތިލުކުރަން އެންގި މައްސަލަ ބަލާނެ ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) ވިދާޅުވެފައެވެ.