ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މި އަހަރު ފަށާނަން: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް މުއިއްޒު ފެލިދޫގަިއ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އެހެން ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަށުގައިވެސް ރައީސް ތަކުރާރުކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތެއް ގޮތުގައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒު ހިފާފައިވަނީ އަތޮޅުތަކުގައި 40000 ހައުސިން ޔުނިޓްގެ މަޝްރުއޫ ދައުރުގެ ތަރޭގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް އަމަލީގޮތުން ފައްޓާވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ މީހުންނަށް ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ހިންގާ މަޝްރޫއުތައް އަދި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށެވެ.

ފެލިދޫއަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވިީ އެ ރަށުގެ ލޭންޑުޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް މިންވަރަށް ބިންހިއްކުމަށް ރޭވިފައިވާ ކަމަށާއި އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި މި މަޝްރޫއު ފަށައި، ކުރިޔަށްގެންގޮސް ވީ އެންމެ އަވަހަކަށް ނިންމައިލުންކަމުގައެވެ.

ފެލިދޫގެ ތަރައްގީއަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން، އެރަށު ސްކޫލުގައި އިމާރާތްކުރުމަށް ނިންމާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް ބިނާކުރާނީ ބިމުން ބޮޑު ޖާގައެއް ނުގެއްލޭނެހެން، ހަތަރު ބުރި އިމާރާތެއްގެ ގޮތަށްކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އިއުލާނުކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ފެންވަރު މަތިކޮށްދީ، ކުޅިވަރު ކުޅުމަށްޓަކައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ރައްޔިތުން އެދޭ ގޮތަށް ހައްދަވައިދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!