ވަޒީރު އާދަމް ޝަރީފް ދެއްކެވި "ދަތްދޮޅި" ވާހަކަ މަޖިލީހުން ކުށްވެރިކޮށްފި
 
                                                        މަޖިލިސް މެންބަރުންގެ "ދަތްދޮޅި ދުއްވާލަން ޖެހޭ" ލޯކަލް ގަވަނަންސާ ބެހޭ ވަޒީރު އާދަމް ޝަރީފް ދެއްކެވި ވާހަކަތައް މަޖިލީހުން ކުށްވެރިކޮށްފިއެވެ.
މަޖިލީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ, މަޖިލިސް މެންބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވަޒީރަކު ދެއްކެވި ވާހަކަފުޅު ބަލައިނުގަނެވޭ ކަމަށާއި އެކަމުގެ ސަބަބުން މެންބަރުންގެ ސަލާމަތީ ކަންކަމަށް ހުރަސް އެޅިގެން ގޮސްދާނެ ކަމަށެވެ.
މި މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކޮށް, މަޖިލިސް އިދާރާއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހުރިހާ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
އިއްޔެ މ. ދިއްގަރުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެމްބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ޑިފެންސް މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އާދަމް ޝަރީފް ވަނީ އޭނާ ސިފައިންގެ އޮފިސަރެއްގެ މަގާމުގައި ހުންނެވި ނަމަ، އިދިކޮޅު މެމްބަރެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށް ވިދާޅުވެފަ އެވެ.
 
  
 
 
            
                     
            
                     
            
                    
 
		
 
		
 
		
 
		
