"ދަތްދޮޅި ދުއްވާލާ" ވާހަކަ ދެއްކެވީ މަޒާޖީ ގޮތަކަށް: އާދަމް ޝަރީފް
މަޖިލިސް މެމްބަރުންނާ ގުޅުވައި "ދަތްދޮޅި ދުއްވާލުން" އެ ބަސް އިއްޔެ ބޭނުންކުރެއްވީ މަޒާޖީ ގޮތުގައި ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ މ. ދިއްގަރުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެމްބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ޑިފެންސް މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އާދަމް ޝަރީފް ވަނީ އޭނާ ސިފައިންގެ އޮފިސަރެއްގެ މަގާމުގައި ހުންނެވި ނަމަ، އިދިކޮޅު މެމްބަރެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށް ވިދާޅުވެފަ އެވެ.
އާދަމްގެ ވާހަކައާ ގުޅިގެން އާންމުންގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވެފައިވަނިކޮށް މިއަދު "އެކްސް" ގައި ވިދާޅުވީ, އެ ބަސް އިއްޔެ ބޭނުންކުރެއްވީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ނޫން ކަމަށާއި އެ ބަސް ބޭނުން ކުރެއްވީ "ހިއުމާ" އެއްގެ ގޮތުގައި ކަމަށެވެ.
އެހެން ގޮތަކަށް އެ ބަސް ބޭނުން ކުރި ކަމަށް މީހުންނަށް ވިސްނޭ ނަމަ އެކަމަށް މާފަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ދެއްކެވި ވާހަކައިން މެންބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވަޒީރަކު ދެއްކެވި ވާހަކަފުޅު ބަލައިނުގަނެވޭ ކަމަށާއި އެކަމުގެ ސަބަބުން މެންބަރުންގެ ސަލާމަތީ ކަންކަމަށް ހުރަސް އެޅިގެން ގޮސްދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެކިވަޑައިގަންނަވާ ކަމަށް ބުނެ މަޖިލީހުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.