އައްޑޫގައި ފިޝް ހަބެއް ގާއިމްކުރަނީ
އައްޑޫ ރީޖަނަލް ޕޯޓްގައި އިންޓަނޭޝަނަލް ފިޝްހަބެއް ހަދަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
އެކަން ހާމަކުރީ މޯލްޑްވިސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ.
ވަޖީހު ވިދާޅުވީ ފިޝް ހަބެއް ގާއިމްކުރެވިގެން ދިޔުމުން ދުނިޔޭގެ ބޮޑެތި މަހުގެ މަސައްކަތްކުރާ ކުންފުނިތައް އެތަނަށް އަންނާނެ ކަމަށެވެ. އަދި އެތަނުގައި އެ މީހުންގެ ފެކްޓްރީތައް ގާއިމުކޮށް މަސް ޕްރޮސެސް ކޮށްފައި ދެން ދުނިޔޭގެ ތަންތަނަށް ފޮނުވަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ގޮތުގައި އެ ހަބް ގާއިމްކުރުމުގެ ބޭނުމަކީ މަސްވެރިން ބާނާ މަސްކޮޅު ވިއްކާލުމަށް ފަހު ފައިސާ ނުލިބިގެން އުޅޭތީއެވެ.
އެ ޕްރެސްގައި ވަޖީހު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ކޮންޓެއިނާ ކާގޯ އެއާ ފްރައިޓް ކޮށް އެކްސްޕޯޓް ކޮށްދިނުމުގެ ހިދުމަތް ފަށަން ވާން ޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މާ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލު ކުރުމަށްޓަކައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.