ޚަބަރު

މަގުތަކަށް ކުނި އެޅި 100 މީހަކު ޖޫރިމަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މަގުތަކަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން 100 މީހަކު ޖޫރިމަނާކޮށްފިއެވެ.

Ads by MWSC

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް މަގުމަތީގައި ކުނި ބެހެއްޓި 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ރޯދައާއި ދިމާކޮށް ގޭގެ ސާފުކޮށް މާލޭގެ މަގު މައްޗަށް ކުނި ނެރެފައިވާއިރު، މަގުތަކުގައި ކުނި ގިނަވުމުން އެކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ ހަތަރު ގަޑިއިރުގެ ތެރޭގައި އެކަނިވެސް 22.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ 16 ދުވަހު 222.5 ޓަނުގެ ކުނި ނެގިއްޖެ ކަމަށާއި އެއީ 25 ފޫޓުގެ 9 ކޮންޓެއިނަރުގެ ކުނި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގައި ކުނި އެޅުމަށް ވަކި ތަނެއް ގާއިމް ކޮށްފައިވާއިރު އާއްމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!