ދެ ދައުރުގައި އީސީގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ހަދަނީ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފައިވާ ނަމަ އިނާޔަތާއި އެކު ރިޓަޔާވެވޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މިިދިޔަ މަހުގެ 28 ގައި އީސީން ނެރެ، އެ ދުވަހު އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ ރިޓަޔާކުރުމުގެ ދަރަޖައާއެކު ވަޒީފާއިން ވަކިކުރެވޭނީ އުމުރުން 55 އަހަރު ފުރި އީސީއަށް މަދުވެގެން 15 އަހަރު ޚިދުމަތްކޮށްފައިވާނަމައެވެ.
ނަމަވެސް، ކޮމިޝަންގެ މެމްބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވާކަށް ނުޖެހޭނެއެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ، މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް މިހާރުގެ ގަވާއިދުގައި ބުނެއެވެ.
ގަވާއިދުގައިވާ ގޮތުން މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓު ޕޭގެ ގޮތުގައި ދޭނެއެވެ.
މި ބަދަލުގެ ދަށުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އިސްމާއިލް ހަބީބު، މެމްބަރު މުހައްމަދު އާސިފް، މެމްބަރު އަލީ ނަޝާތައް މިހާރު ވެސް ރިޓަޔަރ ކުރެވޭނެއެވެ.