ދީން

ރޯދަހިފުމަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރި ކަމެއް, ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރި ކަމެއް ކަަމަށާއި ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ހުކުުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ"ރޯދައިގެ ޙިކުމަތް" މިއެވެ.

Ads by STELCO

ހުތުބާގައި ބުނީ ރޯދަ ފަރުޟު ކުރައްވާފައިވަނީ، ތަގްވާ ވެރިކަން ޙާޞިލު ކުރުމަށްޓަކައި ކަމަށާއި ރޯދައަކީ ﷲގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަން ކަމަށެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައއިވާ ކަމަށާއި އެ ހުރިހާ ކަންކަމަކީ ވެސް، تَقْوَى ވެރިކަން ޙާޞިލުކޮށްދޭ ކަންކަން ކަމަށް ހުތުބާގައި ބުންޏެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އަޅާ ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވެއެވެ. ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ.

ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނަ ކަމަށް ހުތުބާގައި ބުންޏެވެ.

" ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނެއެވެ. ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބެއެވެ. އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެކެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނެއެވެ" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނޭ ކަމަށެވެ. އަދި ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެ ކަމަށާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ ކަމަށެވެ. އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރި ކޮށްދޭ ކަމަށް ވެސް ހުތުބާގައި ބުންޏެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!