ޚަބަރު

ޑްރޯން ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މަޖިލީހުން ބަލަން ގޮވާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
އީސަ، މަޖިލީހުގެ ޖަލްސާއެއްގައި

ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށް، އަން އާމްޑް ވެހިކަލް (ޔޫއޭވީ) ނުވަތަ އަސްކަރީ ޑްރޯން ގަތުމުގައި ''ސިއްސައިގެން'' ދާ ވަރުގެ ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ތުހުމަތު ކޮށްފިއެވެ.

Ads by STELCO

ގައުމީ ދިފާއި ބާރުގެ ތެރޭގައި ''އެއާކޯ'' ގެ ނަމުގައި ވައިގެ ބާރެއް އުފައްދައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫއޭވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ހުކުރު ދުވަހު ވަނީ ފަށާފައެވެ. އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ތިން ޑްރޯނެއް ދައްކާލާފަައިވެއެވެ. އެއީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްތާ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެކެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭނުގެ މައުލޫމާތު ދޭން  ބޭއްވި ޕްރެސް ބްރީފިންގައި އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު އަހުމަދު އީސަ ވިދާޅުވީ ސަރުކާރުން ގަނެފައިވަނީ ދެ ޑްރޯން ކަމަށާއި، އެއް ޑްރޯނަކީ ތުރުކީ ސަރުކާރުން ހިލޭ ދިން އެއްޗެއް ކަމަށް އެ ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް 39 މިލިއަން ހަަރަދުވީ ގޮތެއް ނޭނގޭ ކަމަށެވެ.

''ކިހާވަރެއްތޯ ހަރަދުކުރީ، ކޮން ކަމަކަށްކަން ހަރަދުކުރީ އެއީ ކިހިނެއް ހިނގި ހަރަދެއްކަން ސާފުވާން ޖެހޭނެ. 39 މިލިއަން ޑޮލަރު ޑްރޯން ގަންނަން ހަރަދުކުރި ގޮތެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ'' އީސަ ވިދާޅުވިއެވެ.

އިސަ ވިދާޅުވީ އެމްޑީޕީން ކަންބޮޑުވަނީ އަސްކަރިއްޔާ އަށް ހޯދާ ހަތިޔާރާ ގުޅޭ މައުލޫމާތުތައް ސިއްރުކޮށްގެން ނޫނެވެ. އެއީ ކޮންމެހެން އާންމުކުރަން ޖެހޭ މައުލޫމާތުތަކަކަށް ނުވިޔަސް އަސްކަރިއްޔާގެ ގާބިލުކަން އިތުުރުކުރަން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ތަފްސީލުތަކަކީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތު ކަމަށް ވިދާޅުވިއެވެ.

''އަސްކަރީ އިކުއިޕްމެންޓް ވިއްކާ ވެބްސައިޓުތަކުން ތިބޭފުޅުންނަށް ސާފުވާނެ އެފަދަ ސައިވަލެންސް ޑްރޯންތަކުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރީ ކިހާވަރަކަށް ކަމާއި އޭގެ ޑްރޯނެއްގެ އަގަކީ ކިހާވަރެއްކަން''

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ 1700 އެއްހާ މަޝްރޫއެއް ހުއްޓާލާއި ސަރުކާރުގެ ކޮންޓެންޖެންސީ ބަޖެޓުން ޑްރޯން ގަންނަން 600 މިލިއަނެއްހާ ރުފިޔާ ހަރަދުކުރި ކީއްވެގެންކަން ސާފުނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްކުރާ މަސައްކަތަށް އެމްޑީޕީން ދެކޮޅު ހަދަނީއެއް ނޫން ކަމަށާއި، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަކީ ހުރިހާ ސަރުކާރަކުންވެސް އެ ވަގުތުގައި ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އެކަމަށް އެމްޑީޕީން ތާއިދުވެސް ކުރާ ކަމަށާއި އެއީ ކުރަންވެސް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ރާއްޖެގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރިއެވެ.

އެހެން ކަންތައްތައް އޮތް ކަމުގައިވިޔަސް މި ސަރުކާރުން ޑްރޯން ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުތަކެއް ކުރިއެވެ. އެކަމުގެ މާ ބޮޑު ތަފްސީލެއް ނުދެއްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އިސަ، މަޖިލީހުގެ މެމްބަރުންނަށް ގޮވާލެއްވީ މަޖިލީހުގެ ގައުމީ ސަލަމަތާ ބެހޭ ކޮމިޓީ (241) އިން އެކަން ބެލުމަށެވެ.

މި މުއާމަލާތުގެ ތެރޭގައި ސިއްސައިގެންދާާވަރުގެ ބޮޑެތި ކޮރަޕްޝަން ހިނގާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ..މި މުއަމަލާތާ ބެހޭ ތަފްސީލު ގެނެސް ދައުލަތަށް މި މުއާމަލާތުގެ ތެރެއިން ގެއްލިފައި އޮތީ ރައްޔިތުންގެ ޓެކްސް ފައިސާގެ ތެރެއިން ކިތައް މިލިއަން ޑޮލަރުތޯ ބަލައި ރައްޔިތުންނަށް އެކަން ހާމަކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން.

އެމްޑީޕީން އެ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އީސަ ދެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!