ޚަބަރު

އެޑިއުކޭޝަނަށް އިތުުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

އެޑިއުކޭޝަން މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު، ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޑެޕިއުޓީގެ މަގާމަށް އައްޔަންކޮށްފައިވަނީ ތައުލީމީ ދާއިރާގައި 10 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ، މުހައްމަދު ޝަހުރީދުއެވެ.

މަގާމަށް އައްޔަންކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުކަން ޝަހުރީދު ވަނީ މި ނޫހަށް ޔަގީންކޮށްދީފައެވެ. މިހާރު ހިނގަމުންދާ 19 މަޖިލީހުގެ އިންތިހާބުގެ، އެމްޑީޕީގެ ޕްރައިމަރީގައި ފ. ބިލެއްދޫ ދާއިރާއަށާއި، ހަމަ އެ ޕާޓީގެ ޓިކެޓުގައި ފ. އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ޝަހުރީދު ވާދަކުރިއެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 35،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފައިވާއިރު، އެ މިނިސްޓްރީގައި މި ވަގުތު ޑެޕިއުޓީންގެ ގޮތުގައި ހަތް ބޭފުޅަކު އެބަ ތިއްބެވިއެވެ. މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 200 އަށްވުރެ ގިނަ ބޭފުޅުން އެބަތިއްބެވިއެވެ.

އިތުރު ބޭފުޅަކު ސިޔާސީ މަގާމަށް އައްޔަންކޮށްފައިވާއިރު، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރައްވާނެ ކަމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކޮށް ވައުދު ފުއްދުމަށް ކުރިއަށް އޮތްތާގައި އިތުރު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!