ޚަބަރު

ކަރަންޓު އިގްތިސޯދު ކުރަން އެދިއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މާލޭގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީސް/ ފޮޓޯ: ދެން

މި ދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

ފަހުމީ ވިދާޅުވީ، މިއީ ހޫނު ގަދަ ދުވަސްވަރަށް ވުމާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުން އެދޭ ކަމަށެވެ.

އެވްރެޖް މަސްތަކަށްވުރެ މިހާރުވެސް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ ފަހްމީ ވަނީ ސްޓެލްކޯގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އެވްރެޖް މަހެއްގައި ގްރޭޓާ މާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާއިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުންކުރަމުންދެއެވެ.

"އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގްތިސޯދު ކުރެއްވުމަށް ހާއްްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން.". ފަހްމީ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!