އެންމެ ވެލިފުކެއްވެސް އުނި ނުވާހެން ބިންތައް ހަވާލު ކުރާނަން: ފަޒުލް

އެންމެ ވެލިފުކެއްވެސް އުނި ނުވާހެން ބިންތައް ރައްޔިތުންނާއި ހަވާލު ކުރެވިގެން ދާނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ދޫކޮށްފައިވާ ސަރަހައްދުން އިން ވަކި ކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިއަދު ފަށައިފިއެވެ. މި މަސައްކަތް ފައްޓަވާދެއްވުމަށް ފަހު ފަޒުލް ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައިއެވެ.
ވީހާވެސް އަވަހަކަށް މި ގޯތިތަށް އެ ގޯތިތަކުގެ ވެރިފަރާތްތަކަށް ދޫކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ތިން މަރުހަލާއަކަށް ބަހާލައިގެން ދޫކުރަން ނިންމާފައިވާ ބިންތަށް މިހާރު ދޫކުރަން ނިންމާފައި ވަނީ އެ ތިން މަރުހަލާ އެއްކޮށްލައިގެން ކަމަށްވެސް ފަޒުލް ފާހަގަކުރެއްވިއެވެ.
އަދި މި ބިންތަށް ވެރި ފަރާތާއި ހަވާލުކުރެވުމުން އެ ފަރާތުން އެ ގޯތީގެ އިންފާރު ރޭނުމަށް ފަހު އިންސްޕެކްޓު ކުރުމަށް އެ ކޯޕަރޭޝަނަށް ހުށަހެޅުމުން އެކޯޕަރޭޝަންއިން ހުއްދަ ދިނުމުން ފައުންޑޭޝަންގެ މަސައްކަތް ފެށުމުގެ ހުއްދަ ދެވޭނެކަމަށް ވެސް ފަޒުލް ވަނީ ވިދާޅުވެފައިއެވެ.
"މިދިޔަ ހަފްތާގެ ނިޔަލަށް ވަނީ 8 ހުއްދަ އެއް ދެވިފައި އިމްރާތްކުރުމަށް. މިއަދު މި މަރުހަލާ އަދި އިތުރަށް އަވަސް ކުރުމުގެ އިންތިޒާމު މި ހަމަޖެއްސީ"
ފަޒުލް ވިދާޅުވީ އެ ސަރަހައްދުގައި ކުރިއަށް ދާ މަސައްކަތައް ހުރަސް ނޭޅުމަށްޓަކައި ބިންތައް ދޫކުރެވިފައިވާ ސަރަހައްދުގައި ވެހިކަލް ޕާކު ނުކުރަމަށްވެސް އެދިވަޑައިގެންފައިއެވެ.