ޗައިނާ އިން މާލޭގެ ހުރިހާ މަގެއް ހިލޭ ހަދައިދޭން ހަމަޖެހިއްޖެ: ރައީސް
މާލޭގެ ހުރިހާ މަގެއް އެއްވެސް އަގަކާ ނުލައި ރަނގަޅު ފެންވަރަކަށް ހަދައިދޭން ޗައިނާ ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ޒަމީރަށް ތާއީދުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ޗައިނާގެ އެހީގައި މާލޭގެ ބައެއް މަގުތައް ހަދަން ނިންމާފައިވާ ކަން ރައީސް އެންމެ ފުރަތަމަ ހާމަކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ ދުވަހު ރައީސް ވިދާޅުވީ, މި މަޝްރޫއަށް ހިނގާނެ ހަރަދުގެ ބޮޑުބައި ޗައިނާގެ ހިލޭއެހީގެ ދަށުން ހަމަޖެހިގެންދާނެ ކަމަށާއި އެ މަސައްކަތް މި އަހަރު ފެށިގެން ދާނެ ކަމަށެވެ.
ރައީސް މިރޭ ވިދާޅުވީ, މިހާރު ހަމަޖެހިފައިވަނީ ޗައިނާ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ހެދުމަށް ކަމަށެވެ.
"ޗައިނާ ސަރުކާރުން ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް ހަމަޖެހިފައި އޮތީ. ހުރިހާ މަގެއް," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅޭ ފަންނީ ޓީމު މިހާރު ދިރާސާތައް ކުރުމަށް މާލޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ އިދިކޮޅު އެމްޑީޕީއަށް ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ އޮވެމެ ރައްޔިތުންނަށް ކޮށްދެވެން ހުރި މަސައްކަތްތައް ނުކޮށް ހުއްޓުވާފައިވާ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު މަގުތައް ހައްލުކުރައްވަން މަސައްކަތް ކުރައްވަނިކޮށް ބަޖެޓު ހުއްޓުވި ކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މޭޔަރަކަށް ހޮވުނީމާ މި ހެދި ގޮތަކީ އޭރު ހިނގަމުން ދިޔަ މަޝްރޫއު, ބަޖެޓު ވެސް ހަމަޖެހިފައި އޮތް މަޝްރޫއެއްގެ ބަޖެޓު ހިފެހެއްޓީ. މަޝްރޫއު ވެސް ކެންސަލް ކޮށްލީ. މާލޭ ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ހަދާފައި ވަރިހަމަ ކަމަށް ނިންމާފައި. މިއީ އެންމެންނަށް އެނގޭ ކަމެއް ނޫންތޯ. އަޅުގަނޑުމެން ހަނދާން ނެތޭހާ ދުވަހެއް ނުވެޔޭ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުރު ނޫން ތާރީހުގައި މިކަން މިގޮތަށް ހިނގާފައިވާއިރު ކަންކަން ހިނގާނީ އެމްޑީޕީއަށް މެޖޯރިޓީ ދީގެން ކަމަށް ބުނާ ވާހަކަތައް ގަބޫލުކުރަން ނުޖެހޭ ކަމަށާއި އެ ކަން ވެސް ކުރާނީ މި ސަރުކާރުން ކަމަށެވެ.