ޚަބަރު ރައްޔިތުންގެ މަޖިލިސް

އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ވޭތުވެދިޔަ 7 އަހަރު ހިނގައިދިޔަ ކަންތައްތަކަށް އިންސާފު ހޯދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

Ads by STELCO

މަޖިލީހުން މިއަދު ބުނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރަމުން އަންނަ އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާ ކަމަށެވެ. އެގޮތުން ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު 14:00 ގެ ކުރިން ކޮމިޓީއަށް މެއިލް މެދުވެރިކޮށް ނުވަތަ ލިޔުމުން ހުށަހެޅޭނެ ކަމަށް ބުނެ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ މައްސަލަތައް ބެލުމަށް އެކުލަވާލި އިންތިގާލީ އިންސާފުގެ ބިލު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!