ޚަބަރު

ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ވަރަށް އަވަހަށް ކަނޑައަޅާނެ: އަކްރަމް

ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިއަދު ވިދާޅުވީ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުމާ ގުޅިގެން ގާނޫނުގައިވާ އިޖްރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ސިޓީގެ ދާއިރާތައް ބަހައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. މިހާރު ކުޅުދުއްފުށީގެ އާބާދީ ވަނީ 10،000 އަށް އަރާފައެވެ.

އެހެންކަމުން ކުޅުދުއްފުއްޓަށް ހަތް ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވެސް އަންހެނުންނަށް 33 ޕަސެންޓް ދިނުމަކީ ލާޒިމް ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!