ރާއްޖޭން ލިބޭ ބޭހުގެ އަގު އެހެން ގައުމުތަކަށްވުރެ 70 ގުނަ ބޮޑު!
ރާއްޖެއިން ލިބެން ހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގައި ހުރި އެހެން ގައުމުތަކާ އަޅާއިބަލާއިރު 70 އިންސައްތަ ގުނަ ބޮޑު އަގުތަކެއް ކަމަށް މިނިސްޓާ އޮފް ސޯޝަލް އެމްޑް ފެމެލީ ޑިވޮލޮޕްމެންޓް އެންޑް ފެމެލީ އޮތޯރިޓީ ޑރ އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ މީދު ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒެއިނާ އާދަމް ކުރައްވާ ސުވާލަކަށް ޖަވާބުދެއްވުމަށް މިނިސްޓަރު އައިޝަތު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ.
ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ބޭސް ލިބެން ހުންނަ އަގުތަކަށްވުރެ ރާއްޖެއިން ބޭސް ލިބޭ އަގު 1.5 ގުނަ ބޮޑުކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު 70 ގުނަ ބޮޑު އަގުތަކެއް
އައިޝަތު ވިދާޅުވީ އަހަރަކަށްވުރެ އަހަރެއް، އާސަންދައަށް ކުރާ ހަރަދު ބޮޑުވަމުން ގޮސްފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އާސަންދައިގެ ހަރަދުތައް ހުރީ 2018 ވަނަ އަހަރާ އަޅައިބަލާއިރު 40 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އާސަންދަ ސްކީމަށް ހިނގި ހަރަދުތައް އެވަރެޖްކޮށް 61 އިންސައްތަ ވަނީ އިތުރުވެފައި ކަމަށެވެ.
''އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ ނިސްބަތުން، މުޅި ޖުމުލަ ގޮތެއްގައި ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ، ހުރީ ތަރައްގީވެފައިވާ ގައުމުތަކާއި ދާދި އެއް މިންވަރެއްގައި (7.6 ޕަސެންޓް ޖީޑީޕީ)'' ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައެއް ނުވާކަމަށް އެންމެންވެސް ގަބޫލުކުރޭއިރު އެއީ ދިވެހީންގެ ބޭސްފަރުވާ އަށް އެހާ ބޮޑު ހޭދައެއް ކުރާއިރުވެސް، ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމުގައިވާ މީހާ އާއި އާއިލާ ސޯޝަލް މީޑިއާގައި ބޭސްފަރުވާ ހޯދުމަށް މާލީ އެހީއަށް އެދެމުންދާކަން މިހާރުވެސް ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ސަބަބުތަކަށްޓައި އާސަންދައަށް އަވަސް ބަދަލުތަކެއް ގެނައުމުގެ މުހިއްމުކަން ފާހަގަވެ، އެކަމާގުޅޭ މަސައްކަތްތައް ދަނީ ރައީސްގެ އިރުޝާދާއި ލަފާފުޅުގެ މަތީން ކަންތައް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު، ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތައް ގުޅިގެން ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް، ވަށާޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.