ފުވައްމުލަކު ކައުންސިލުގެ ނިންމުންތަކުގައި ރައްޔިތުންނަށް ބައިވެރިވެވޭ 'އަފުން އަޑޮ' ޕޯޓަލް އިފްތިތާހުކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލުން ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާ އެސިޓީއާއި ގުޅުންހުރި އެކި ކަންތައްތަކުގައި ހޯދުމަށާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އުފެއްދި ޕޯޓަލް 'އަފުން އަޑޮ' އިފްތިތާހްކޮށްފިއެވެ.
އެ ޕޯޓަލް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ފުވައްމުލަކާއި ގުޅުންހުރި މައުލޫތަކާއި މެދު ބަހުސްކޮށް ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެކި ކަހަލަ މައުޟޫ ތަކާ ގުޅޭ ޕޯލްތައް ބޭއްވި ރައްޔިތުންގެ ހިޔާލު ހޯދަން މިޕޯޓަލް މެދުވެރިކޮށް މަގުފަހިވެގެންދާއިރު 'އަފުން އަޑޮ' ޕޯޓަލް މެދުވެރިކޮށް ކައުންސިލުން ހަދާ ގަވާއިދުތަކާއި އުސޫލްތައް ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
އެކި ދާއިރާތަކާއި ގުޅުންހުރި ޕްރޮޕޯޒަލްތައް ހުށަހަޅާ، އެއަށް ހިޔާލު ހޯދާ މަޝްވަރާ ކުރުމުގެފުރުސަތުގެ އިތުރުން ރައްޔިތުންގެ ބައިވެރިވުމާއި އެކު ބަޖެޓް ހެދުމަށްވެސް ޕޯޓަލް މެދުވެރިކޮށް މަގުފަހިވެގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އީފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ރަޖިސްޓާ ކުރެވޭ މިޕޯޓަލްގައި ވަނީ މައުޟޫތަކާއި ގުޅުވައިގެން ބަހުސްކުރުމާއި، ޕްރޮޕޯޒަލްތައް ޑިޒައިންކޮށް ހުށައެޅުމާއި، ކައުންސިލުން ނިންމައި ނިންމުންތަކާއި އުސޫލުތަކާއި މެދު ހިތްހަމަޖެހޭ މިންވަރު ވަޒަންކުރުމުގެ ގޮތުން ޕޯލްއަކާއި، ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ޙިޔާލު ހޯދޭނެ ގޮތުގެ އިތުރަށް ބަޖެޓް ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ދެވޭނެ ގޮތެވެ.