ޚަބަރު

އާ ޕާޓީއެއް އުފައްދަން ހުއްދަދީފި، ނަމަކީ ގްރީން ޕާޓީ

ރައުފާ ރަޝީދު ، ދެން އޮންލައިން

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖޭޕީއެމް)ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

Ads by Sosun Fihaara

އީސީން ބުނީ ގާނޫނު ނަންބަރު ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ، ގއ.ކޮލަމާފުށި/ އޯޝަންރީޑް މުހައްމަދު އަޒީމަށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ދާދި ފަހުން ވަނީ "ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވަނީ ދީފައެވެ.

ރާއްޖޭގައި މިވަގުތު 10 ޕާޓީއެއް ދަފްތަރު ކުރެވިފައިވެއެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, އަދާލަތު ޕާޓީ, ޖުމްހޫރީ ޕާޓީ, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް, މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، މޯލްޑިވްސް ރިޕޯމް މޫވްމަންޓް, މޯލްޑިވްސް ނޭޝަނަލް ޕާޓީގެ އިތުުރުން ދަ ޑިމޮކްރެޓްސްއެވެ.

އެ ޕާޓީތަކުގެ ތެރެއިން 52,142 މެމްބަރުންނާއެކު އެންމެ ގިނަ މީހުން މިވަގުތު ތިބީ ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީގައެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުގައި ތިބީ 38,223 މެމްބަރުންނެވެ. ތިންވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް, ޕީއެންސީގައެވެ. އެއީ 28,201 މެމްބަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!