މަގޫދޫ އެއާޕޯޓް ކެންސަލް ކުރިހެން މަޝްރޫއުތައް ހުއްޓައިނުލެވޭ ފަދަ ގާނޫނީ ހައްލެއް ގެންނާނަން: އެމްޑީޕީ
ފ. މަގޫދޫ އެއާޕޯޓު މަސައްކަތް މި ސަރުކާރުން ކެންސަލްކުރިހެން ތަރައްގީގެ މަޝްރޫއުތައް މިގޮތަށް ބަދަލުކުރުމާ ހުއްޓާލުން ގާނޫނީ ގޮތުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ދީފިއެވެ.
ގާތްގަނޑަކަށް ބައިލައްކަ އެއްހާ މެންބަރުން ތިބޭ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުމަށް ހުއްޓާލި ކަމަށް ތުހުމަތު ކޮށްފައެވެ. އެއާޕޯޓުގެ މަސައްކަތް ހުއްޓާލީ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ސައުދާ މުހައްމަދު، ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކަމަށް އެ ޕާޓީން ތުހުމަތުކުރިއެވެ.
އަދި ބުނީ، ދައުލަތުގެ ވަސީލަތްތައް އެއްވެސް ރޭވުންތެރިކަމެއް ނެތި ބޭނުން ކުރުމަށް, ތަރައްގީއަށް ހުރަސްއެޅޭ ގޮތަށް ބަދަލުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ އެހެން ކަންތައް ނުކުރަން ސަރުކާރަށް ގޮވާލިއެވެ.
މިދިޔަ ފަސް އަހަރު ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރި އެމްޑިޕީން ބުނީ އޭގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭ ކަމަށެވެ.
މަގޫދޫ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއާޕޯޓުގެ މަސައްކަތުގެ %70 ވަނީ ނިންމާފައެވެ. އެ އެއާޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު، ފިނިޝިންގެ މަސައްކަތްވެސް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 އާ ހަމަޔަށް ފަށައިފައެވެ.
ފ. މަގޫދޫ އެއާޕޯޓު މަސައްކަތް ކެންސަލްކޮށް ފ.ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމާ އަވަސް އަރުވާލައިގެން އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ފަށައިގަތީ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު އަދި ޕީއެންސީގެ ކެނޑިޑޭޓު ފާތުމަތު ސައުދާއަށް އިންތިޚާބު ކާމިޔަބުކޮށްދިނުމަށް ކަމަށް މިޕާޓީއިން ދެކެމެވެ
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ސިފަކުރާ ގޮތުގައި ސަރުކާރުގެ ނިންމުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް, ފާފު އަތޮޅާ ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުމެވެ.
''އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔަ 5 އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިތާމައާއެކު ފާހަގަކުރަމެވެ''
އެ ޕާޓީން ގޮވާލީ މި ސަރުކާރުން، އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ސިޔާސީ ބޭނުމަކަށް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށެވެ. އަދި މަގޫދޫގެ އެއާޕޯޓު މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށްވެސް ސަރުކާރަށް ގޮވާލިއެވެ.