ޕާކިން ޖޫރިމަނާ 250 ރުފިޔާއަށް ލިމިޓް ކޮށްފި

ގަވައިދާ ޚިލާފަށް ޕާކު ކުރުމުން ކުރާ ޖޫރިމަނާ 250 ރުފިޔާއަށް ވުރެ އިތުރު ނުވާ ގޮތަށް ހަމަޖައްްސައިފިއެވެ.
މީގެ ކުރިންވެސް ގަވައިދާ ޚިލާފަށް ޕާކު ކުރާ ފުރަތަމަ ފަހަރު ޖޫރިމަނާގެ އަދަދަކީ 250 ރުފިޔާއެވެ. ނަމަވެސް ދެވަނަ ފަހަރަށް ގަވައިދާ ޚިލާފަށް ޕާކު ކޮށްފި ނަމަ 500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ފަހަރަކުވެސް 750 ރުފިޔާ ދައްކަން ޖެހެއެވެ.
ކުރިން މިކަން މިހެން އޮތް ނަމަވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ރައްޔިތުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިހާރު ވަނީ ތަސްދީޤު ކުރައްވާފައެވެ. އެ އިސްލާހުގައި ވާ ގޮތުން ގަވައިދާ ޚިލާފަށް ޕާކު ކޮށްގެން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 250 ރުފިޔާއެވެ.
މި އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ 3 މަސް ދުވަސް ފަހުންނެވެ.
މި އިސްލާހުގެ ދަށުން ޓްރެފިކާ ގުޅޭ އެކި ކުށްތަކުގައި ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ މީހުން، އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި ކޮމިޔުނިޓީ ސާވިސް ނުވަތަ މުޖުތަމައުއަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރުވުމުގެ އަމުރަކަށް އެދި ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވަނީ ދީފަ އެވެ.
ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ޤާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން ، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އުޅަނދު ދުއްވި މީހާގެ ލައިސެންސް 6 މަސް ދުވަހާއި 5 އަހަރު ދުވަހާއި ދެމެދުގެ މުއްދަތަކަަށް މި އިސްލާހުގެ ދަށުން ހިފެހެއްޓިދާނެއެވެ.