އޭދަފުއްޓަށް 1000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް

ބ. އޭދަފުށީގައި ވަރަށް އަވަހަށް 1،000 ހައުސިންގް ޔުނިޓްގެ މަޝްރޫއު އެއް ފައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް، އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެރަށަކީ ގެދޮރުވެރިކަމުގެ ދާއިރާއިން އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައެޅުމާއެކު، ގެދޮރުވެރިކަމުގެ މައްސަލައަކީ ހައްލުކުރަން މުހިންމު މައްސަލައަކަށް ވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، މިހާރުވެސް އެ ދާއިރާ މަޖިލިސް ތަމްސީލު ކުރައްމުންދާ ސަލީމްގެ އިސްނެގުމާއެކު ހައުސިން ޔުނިޓްތަކެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
"ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާއިރު، ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހުރިހާ ހުއްދައެއްދީ، ވަރަށް އަވަހަށް އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓްގެ މަޝްރޫއުއެއް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
މި ހައުސިން ޔުނިޓުގެ ފައިދާ އޭދަފުށީގެ އިތުރުން، މުޅި އަތޮޅަށް ވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.