މައްސަލައިގެ ތަހުގީގަށް ފުލުހުންނާ ޖެންޑާގެ ޓީމެއް ރަސްދޫއަށް
އއ. ރަސްދޫ މިސްކިތެއްގެ ފާހަނާ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާ މައްސަލައިގެ ތަހުގީގެއް ފުލުހުންނާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށުގެ ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ, އަނިޔާކުރީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި ތުހުމަތު ކުރެވެނީ ކުޑަކުދިންނަށް ކަމަށެވެ.
ފުލުހުން ރޭ ބުނި ގޮތުގައި މި މައްސަލާގައި ކުއްޖާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވެނީ އުމުރުން 13 އަހަރާއި 14 އަހަރުގެ ކުއްޖަކަށެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ މީހަކުވެގެން ފާހާނާއެއްގެ ތެރޭގައި ހުރި ކުއްޖަކަށް އަނިޔާކުރަމުންދާ މަންޒަރެވެ. އެ ކުއްޖާ ފާހާނާ އަށް ވައްދާފައި ކޮށްފައިވާ އަނިޔާ އެއް ކަމެއް ނުވަތަ އެ ކުއްޖާ ފާހާނާ ތެރޭގައި ހުއްޓާ ކުރި އަނިޔާތަކެއް ކަމެއް ވީޑިއޯއިން ސާފުކޮށެއް ނޭނގޭއެވެ.
ހަޑި ހުތުރު ބަހުން އެ ކުއްޖާއާ ދިމާލަށް އެއްޗެހި ގޮވަމުންދާ މަންޒަރުވެސް ފެންނަ އެ ވީޑިއޯ އަކީ މިސްކިތެއްގެ ފާހާނާގައި ނަގާފައި ވީޑިއޯއެއްކަން އެނގެނީ، އެ މީހުން ކުއްޖާއާ ވާހަކަ ދައްކަމުން ދިޔަ ގަޑީގައި ގުރުއާނުގެ އަޑުއިވެމުންދާތީއެވެ.
އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި، ބޮލަށް އޮއްސާލާ މަންޒަރުވެސް ފެންނައިރު، ގުދާރު މަތީ ގޮށްމުއްކަވާފައި އެތައް ފަހަރަކު ޖަހައެވެ.
އެހެން ނުހަދައި ދޫކޮށްލަން އެ ކުއްޖާ އެދުމުން އެ މީހުން އަމުރުކުރީ ކުޑަކަކޫ ޖަހާފައި އާދޭސްކުރަން އެމީހުން ބުނެއެވެ. އަދި އެގޮތަށް އެކުއްޖާ ކަންތައް ކުރަން ފެށުމުން ފައިން އެ ކުއްޖާގެ ބޮލުގައި ޖަހާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ.
އެ ވީޑިއޯގައި އެކުއްޖާއަށް އިންޒާރުދީ އަނިޔާކުރަމުންދަނީ ކޮންމެވެސް ވާހަކައެއް ނުދެއްކުމަށް ބުނަމުންނެވެ. "ނުކިޔައްޗޭ އެކަހަލަ އެއްޗެހި ދެން" ތަކުރާރުކޮށް އަނިޔާކުރި ދެމީހުން އައީ މިހެން ބުނަމުންނެވެ.
އެ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ދައުނުކުރުވަން ފުލުހުން ވަނީ އެދިފައެވެ.