އޮފީހަކުން 8 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކަށް ދައުވާކުރަނީ

އޮފީހަކުން އަށްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ދައުވާކުރަން ޕީޖީން ނިންމާފައިވަނީ އަހުމަދު އަސްއަދު (34އ)/ މ. ދިއްގަރުއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލުން ބައިވެރިވިއެވެ. ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލަ ބަލައިގަނެ ދައުވާކުރަން ޕީޖީން ވަނީ ނިންމާފައެވެ.
އަސްއަދު، ވަގަށް ނަގާފައިވާ ފައިސާގެ އަދަދު އަށްލައްކަ ރުފިޔާއަށްވުރެ ގިނަކަން އެނގޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ، އަމިއްލައަށް އައްޔަންކޮށްފައިވާ ވަކީލު ދޫކޮށްލާފައިވާ ކަމަށާއި ދައުލަތުގެ ފަރާތުން ވަކީލަކަށް އެދިފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
އެ މީހާ ވައްކަން ކޮށްފައިވަނީ ކޮން އޮފީހަކުން ކަމެއް ކޯޓު އަމުރުން ސީދާ އެނގޭކަށް ނެތެވެ.
ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ މީހާ ބަންދުކޮށްފައެވެ.