ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ ކަމަށް
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލު ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް ރައީސްއާ ސުވާލުކުރަން ފުރުސަތު ދިނުމަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ، ''ރައީސްގެ ޖަވާބު"ގެ މިއަދުގެ ސެގްމެންޓުގައި އާންމު ރައްޔިތަކު ވަނީ ރަށްރަށަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން އެމީހާ ރައީސްއާ ސުވާލުކުރިއެވެ.
"އަޅުގަނޑުމެންނާއި ވެރިކަން ހަވާލުވި އިރުގައި ރައްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފެނަކައިގެ އެކި ބްރާންޗުތައް ހުރީ ވަރަށް ހާލުދެރަކޮށް،" ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ފެނަކަ ކުންފުނި އޮތީ އެތައް މިލިއަން ރުފިއާއިން ދަރަފާއެވެ. ފެނަކަ ކުންފުނީގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުން އެ ކުންފުނީގެ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރައެވެ. ރައީސް ވިދާޅުވީ ދަރަނީގެ އިތުރުން އެ ކުންފުނީގެ ބްރާންޗުތަކައި ހުރި ޖެނެރޭޓަރު ސެޓުތަކާއި އެކި އާލާތްތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ހުރީ ބޭނުންނުކުރެވޭ ހާލަތުގައި ކަމަށެެވެ.
ރައީސް ވިދާޅުވީ އެތަކެތި މަރާމާތު ކުރުމުގެ އިތުރުން ދަރަނި އަނބުރާ ދެއްކުމާއި މަސައްކަތް ކުރިއަށް ދާނެކަމަށެވެ.
"ކުންފުނީގެ ހާލަތުން އަރައިގަނެ، ނަގާކޮޅަށް ޖެހުމާއި އެކީގައި މިދެންނެވި މަސައްކަތްތަކާއި އެކީގައި މިގެންދަނީ"
ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި ފެނިގެން ދާނީ ފެނަކައިގެ ހާލަތު ރަނގަޅުވެގެން ދާތަން ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބޭނެ އިންތިޒާމްވެސް ވަރަށް އަވަހަށް ހަމަޖެހި, އެކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދެ އަހަރު ދުވަހަށް ބަހާލައިގެން ފެނަކަ ކޮޕަރޭޝަންއިން އެކި ކުދި އަދި މެދު ފަންތީގެ ކުންފުނިތަަކަށް އަދާކުރަން ޖެހޭ 4.3 ބިލިއަން ރުފިޔާ އެ ކުންފުނިތަކާއި ވިޔަފާރިތަކަށް އަނބުރާ ދެއްކުމަކީ މިސަރުކާރުގެ އަމާޒުކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައިއެވެ.