ޚަބަރު

ފޭސް ތިނެއްގެ ބިންހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ފަށައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިންހިއްކާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

އެޗްޑީސީން ބުނީ، އެ ސަރަހައްދުގައި އަޅާފައި ހުރި ބައެއް އުޅަނދު އަދިވެސް ނުނަގާ ހުރުމުން، ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާ ކަމަށެވެ. އެހެންކަމުން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީ އާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެކުލަވާލެވިފައިވާ ޗާޓުގައި ( ފޮޓޯގައިވާ) ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

ބިން ހިއްކުމުގެ އެ މަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިން ވަނީ އަންގާފައެވެ. އެ އެންގުމާއެކު، އެ ސަރަހައްދުގައި ހުރި ގިނަ އުޅަނދުތައް ވަނީ ނަގާ އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ ހުޅުމާލެ ތިނަކުން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 15 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. އެ ސަރަހައްދުގެ ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހިއްކާ ނިންމައިފައެވެ. ބާކީ 53 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!