ޚަބަރު ސިޔާސީ

ސަރުކާރާ ދެކޮޅު ރޫހެއް ރައްޔިތުންގެ ތެރެއަކު ނެތް: ރައީސް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ސިޔާސީ ޕާޓީތަކުން ޕޯޑިއަމްތަކަށް އަރާ ވާހަކަ ދައްކަމުން ދަނީ ބަދަލުހިފުމުގެ ރޫހުގައި، ރައްޔިތުންނާއި ދެކޮޅު ވާހަކަ ކަމަށާއި، އެ "ނެގެޓެވިން ތިންކިންގް" އަށް ޖާގަދޭނެ ވަގުތެއް ރައްޔިތުންނަށް ނެތް ކަމަށާއި، އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by MWSC

ރައީސް މިފަދައިން ވިދާޅުވީ މިރޭ ކުރިއަށްދިޔަ މާފަންނު އުތުރު ދާއިރާގެ ކެނޑިޑޭޓް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބަދުވެސް ކަންތައް ހިނގަމުންދާ ގޮތަކީ، ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުންނަ ކަންތައްތަކުގެ ބަދަލު ހިފުން ކަމަށެވެ. އެއީ ނިމުމެއް ނެތް ކަމެއް ކަމަށާއި އޭގެ އެއް މިސާލަކީ ކުރީ ސަރުކާރުގައި އުފެއްދި ރިޔާސީ ކޮމިޝަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނަކީ، ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނެކެވެ.

ރައީސް ވިދާޅުވީ، މީގެކުރިން އެހެން އެކަން ކުރި ނަމަވެސް، މި ސަރުކާރަކުން ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ސިޔާސީ ބޭފުޅުން ސިޔާސީ ގޮތުން ހިޔާލު ފާޅުކޮށްގެން ފުލުސް އޮފީހަށް ނުގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ބޭފުޅުން އެކަމާއި ކަންބޮޑު ވެގެން ވެސް ނޫޅޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދަނީ ބަދަލުހިފުމުގެ ރޫހުގައި ޕޯޑިއަމްތަކުގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ރައީސް ގޮވާލެއްވިއެވެ.

"މުޅިން ވެސް ބަދަލުހިފުމުގެ ވާހަކަ. މުޅިންވެސް އަޅުގަނޑުމެންނާއި، ރައްޔިތުންނާއި ދެކޮޅު ރޫހުގެ ވާހަކަ. އެ ނެގެޓިވް ތިންކިންގްއަށް ޖާގަ ދޭނެހާ ވަގުތެއް ރައްޔިތުން އަތަކު ނެތް. ރައްޔިތުން ބޭނުންވަނީ ގައުމަށް ހަމަޖެހުން އައިސްގެން ތަރައްގީ ލިބެން،"

ރާއްޖޭގައި ހަމަޖެހުން ގާއިމްކުރަން ބޭނުންވާނަމަ، މަޖިލިސް ތެރެއިން ޖެއްސުންކުރުމާއި، ހަމަނުޖެހުމާއި، ދެކޮޅު ހެދުމުގެ މަންޒަރު ފެންނާނެ ގޮތަށް ރައްޔިތުން ފުރުސަތު ނުދެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ދެކޮޅު ހަދައިގެން ރައްޔިތުންނަށް ލިބޭނެ މޮޅެއް ނެތް ކަމަށާއި، ހަމަޖެހިގެން ތަރައްގީ ގެންނަން ބޭނުންވާނަމަ ސަރުކާރާއި އެއްކޮޅަށް ރައްޔިތުން ވޯޓް ދެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!