ޚަބަރު

ސިޔާސީ އެއްވެސް ހަރަކާތަކަށް ހުރަހެއް ނާޅާނަން: ސަރުކާރު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސް އޮފީސް

ސިޔާސީ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް މި ސަރުކާރުން ފަހިކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް އޮފީހުން ދީފިއެވެ.

މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުނު ނެރުނު ބަޔާނެއްްގައި ބުނީ އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން އުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދީފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިހާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށެވެ.

އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

''ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ހަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ދާނީ ފަހިކޮށްދެމުންނެވެ'' ރައީސް އޮފީހުގެ ބަޔާނުގައި ބުންޏޭވެ.

ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ހަރަކާތްތަކަށް ޖާގަދީގެން، ގައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!