ޚަބަރު

ރޭ ރޯވިގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ގެއަކީ މީހުން ދިރިނޫޅޭތާ ގިނަދުވަސް ވެފައިވާ، ބޮލަށްވެއްޓޭ ވަރަށް ބާވެފައިވާ ގެއެއް ކަމަށެވެ.

އަދި މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި ރޯވެފައި ވަނީ މ. ރަބީއުވިލާ ގޭގެ ހަތަރު ވަނަ ފްލޯގަައެވެ. އެ ގޭގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ އިމާރާތައް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!