ރިޕޯޓް

ވެލާނާ އެއާޕޯޓް: ކުރިއެރުންތަކާއެކު އިގްތިސާދީ މައި ތަނބަށް!

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެއާޕޯޓް ތަރައްގީކުރެވުމުން އޮންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. މިވީހާތަނަށް ރާއްޖޭގެ އާމްދަނީއަށް ބަރޯސާވެފައި އޮތީ ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާވެސް ކުރަމުން އައިސްފައިވަނީ އެދާއިރާއިން ލިބޭ އެއްޗަކަށެވެ.

Ads by MWSC

ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅާއެކު މިކަން އެނގިގެން ދިޔައެވެ. ފަތުރުވެރިންނަށް ރާއްޖޭގެ ދޮރާށި ބަންދު ވުމާއެކު، ރާއްޖޭގެ އާމްދަނީ ދަށަށް ދިޔައެވެ. މިއީ ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރާ ގިނަ ބަޔަކީ ފަތުރުވެރިންނެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، އާމްދަނީ އިތުރުކުރާނަމަ ފުރަތަމަ އިސްކަމެއް ދީގެން ކުރަންޖެހޭ ކަމަކަށް ވެފައި މި އޮންނަނީ އެއާޕޯޓުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ.

ރާއްޖޭގައި އެއާޕޯޓެއް ގާއިމްކުރުމަށް އެންމެ ފުރަތަމަ ފެށި މަސައްކަތުގެ ތެރެއިން ހުޅުލޭގައި އެސްފޯލްޓް ރަންވޭއެއް ހެދުމުގެ މަސައްކަތް ފެއްޓެވީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރެވެ. 1964 ވަނަ އަހަރު ފެށި އެ ބުރަ މަސައްކަތުން އެޅި 2840 މީޓަރު ދިގު، 45 މީޓަރު ފުޅާ ރަންވޭ އޭގެ ދެ އަހަރު ފަހުން ހުޅުވައި، "ހުޅުލޭ އެއާޕޯޓު"ގެ ނަމުގައި އޮފީހެއް ގާއިމްކުރެވުނެވެ. އަދި އެމަނިކުފާނު ދިވެހިރާއްޖޭގެ ފުރަތަމަ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ 1966 ވަނަ އަހަރުގެ މި ދުވަހުއެެވެ.

އެއާޕޯޓު އެޅުމަށް އެންމެ ފުރަތަމަ ކުރި މަސައްކަތްތަކުގެ ކުރިން. - ފޮޓޯ: އެމްއޭސީއެލް

ދުނިޔެއެ ތަރައްގީވެ، ތަހުޒީބުވަމުން އައިއިރު، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވެ، އެއާޕޯޓް ބާރުބޮޑުވިއެވެ. އެއާޕޯޓަށް އެތައް ބަދަލެއް ވެސް ގެނެވުނެވެ. އިއްޔެ އަކީ ރާއްޖޭގެ މައި ދޮރާށްޓަށް 58 އަހަރު ފުރުނުއިރު، މިހާރުވެސް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ހެދިފައި ހުރީ ވަރަށް މަދު އަދަދެއްގެ ޕަސިންޖަރުން ހޭންޑަލްކުރަން ކަމަށެވެ. އެހެންކަމުން ފިސިކަލް ކެޕޭސިޓީއާއި އެކަށީގެންނުވާހާ ގިނަ އަދަދެއްގެ ޕަސިންޖަރުން އައުމުން އެއާޕޯޓުގައި ތޮއްޖެހެމުންދާ ކަމަށެވެ. މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި، އައު ޕަސިންޖާ ޓާމިނަލްއަކީ އެގޮތުން ކުރެވޭ މަސައްކަތެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ހަމައެކަނި މި ޓާމިނަލްގެ މަސައްކަތް ކުރުމުން މަގްސަދު އަދި ހާސިލްނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ބޯޓު ފަހަރު، މަތިންދާ ބޯޓުފަހަރު އައިސްފައި ލަސްނުވެ ފުރޭގޮތް ހެދުމަކީވެސް ހަމަ ޕަސިންޖާ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރަމުންދެއެވެ.

"ވަރަށް ގިނަ ތަންތަން ހެދިފައި އެހެންނަމަވެސް ބޭނުންކުރަން ނުފެށި ހުރި. ޕަސިންޖަރ އެކްސްޕީރިއެންސް އެންހޭންސް ކުރުމަށްޓަކައި ބޭނުންވާ އެންމެ ބޮޑު އެއްކަމަކީ ލަސްތަކެއް ނުވެ މަތިންދާ ބޯޓުތައް ކަނެކްޓިންގ ޑެސްޓިނޭޝަންއަށް ފުރުވާލުން. މައިގަނޑުގޮތެއްގައި އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ސަރވިސް ލެވެލް މިއަށްވުރެ އެންހޭންސްކޮށް ޕަސިންޖަރ އެކްސޕީރިއަންސް ރަނގަޅުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން."

ޝަރީފް ވިދާޅުވީ، އެއާޕޯޓުގައި އެންމެ ގިނަ ވަގުތު ނަގާ ކަމަކީ ތެޔޮ އެޅުން ކަމަށެވެ. ވަގުތު ސަލާމަތްކޮށް، ބޯޓުތައް ދެން ދާން އޮންނަ މަންޒިލަށް ފުރުވާލުމުގެ ގޮތުން މިހާރު ވަނީ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ލެވި ބޯޓުކައިރިން ތެޔޮ އެޅޭނެ ގޮތްތައް ހެދިފައި ކަމަށެވެ.

މި ސަރުކާރުން ވަނީ ވެލާނާ އެއާޕޯޓުގެ 20 އަހަރުގެ މާސްޓާ ޕްލޭން އިފްތިތާހު ކޮށްފައެވެ. އެ ޕްލޭންއާ އެއްގޮތަށް ވެލާނާ އެއަރޕޯޓް ތަރައްގީ ކުރެވުމުން އެ ތަނަކީ މި ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ބަދަލުވެގެންދާނެއެވެ. އެ ބަދަލު އައުމުން އެއާޕޯޓަކީ، ހަމައެކަނި ފަސިންޖަރުން ޓްރާންސިޓްވާ ތަނަކަށް ވެފައި އޮތުން ބަދަލުވެ، ފްރީޒޯނާއި (އެކޮނޮމިކް ފްރީ ޒޯން) ޝޮޕިން، މިކަހަލަ ބައިވަރު ހިދުމަތްތަކެއް އެތަނުން ލިބެން ހުންނާނެއެވެ.

އެއާޕޯޓް ތަރައްގީކުރެވުމުން އޮންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ: : އެމްއޭސީއެލް

މީގެއިތުރުން،  ޖެޓްތަކުގައި އަންނަ މީހުންނަށް ހިދުމަށް ދެވޭނެ ކަހަލަ ޖެޓް ޓަރމިނަލްސް ހުޅުވިގެންދާނެއެވެ. އަދި ގިނަ އަދަދަކަށް ފްލައިޓް މޫވްކުރާ ތަނެއް ވިއްޔާ އެމްއާރްއޯ ފެސިލިޓީސްގެ ލައިން މެއިންޓަނަންސްއާއި ނުވަތަ އެއަށްވުރެ ހަޔާ ލެވެލް އޮފް ސާވިސް ލިބޭނެ ފެސިލިޓީސް ލިބެން ހުންނާނެއެވެ.

ޝަރީފް ވިދާޅުވީ، އޭގެ ސަބަބުން ބޯޓެއް ވެލާނާ އެއާޕޯޓަށް އަންނާކަށް އެއްވެސް ކަހަލަ ޖެހިލުމެއް ނުވާނެ ކަމަށެވެ. އެއީ އެމީހުންނަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެއްޔާ ހައްލުވާނެކަން ޔަގީންވާތީކަން ފާހަގަކުރެއްވިއެވެ.

އިތުރަށް ޝަރީފް ވިދާޅުވީ، އާ ޓާމިންލް ހުޅުވުމުން ބެގޭޖް ސްކްރީންކޮށް، ޗެކިން ކައުންޓަރަށް ކިއުއަކަށް ދިއުން ނިމުމަކަށް އަންނާނެ ކަމަށެވެ. އާ ޓާމިނަލްގައި ޖެހޭނީ ސެލްފް ސާވިސް ޗެކިން ކޮށްލާފައި ބެޖް ޑްރޮޕް ކޮށްލަންކަން ފާހަގަކުރެއްވިއެވެ.

 

ޓާމިނަލްގައި މިއަންނަނީ ބެގޭޖް ހޭންޑަލިން ސިސްޓަމް. މީގެ ސަބަބުން ބެގޭޖް އޮޓޮމެޓިކަލީ ޓެގްކޮށްފައި، ސޯޓްކޮށްފައި، ކޮން އެއާލައިނަކަށް ކޮން ބެގޭޖެއްކަން ދާނީ ބަލާފައި، ސެކިއުރިޓީ ބޭފުޅުން ފަހަތުގައި ތިއްބަވައިގެން ސެކިއުރިޓީ ސްކްރީންކުރައްވާފައި ހުރިހާކަމެއް ކުރާނީ. ޕަސިންޖަރުންނަށްވާ ދަތިތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ. ގާތްގަނޑަކަށް ނެތިގެންދާނެ މިހާރުގެ ޙާލަތުން ވިއްޔާ. އެހެންވީމަ އާ ޓާމިނަލްގައި ވަރަށް ބައިވަރު އަދި މިއަށްވުރެވެސް އިތުރު ފަސޭހަތަކެއް އަންނަ އަދި ފުރާ ޕަސިންޖަރުންނަށް ހުންނާނެ

އެމްއޭސީއެމްއެލް ވަނީ ޖެނުއަރީ މަހު އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ވެސް ހުޅުވައިފައެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރި އެ ފެސިލިޓީއާއެކު މިހާރު ކުރިއަށްވުރެ ތިން ގުނަ އިތުރަށް އެއާޕޯޓުން ކާގޯ ހޭންޑަލް ކުރެވޭނެއެވެ. ކުރިން 50،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވުނު ނަމަވެސް މިހާރު 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭނެއެވެ.

އަދި އެ ފެސިލިޓީގައި ކާގޯ ސްކްރީން ކުރުމަށް އެންމެ ޒަމާނީ އެކްސްރޭ މެޝިނުތައް ވެސް ވަނީ ބަހައްޓައިފައެވެ. އަދި ކާގޯ އުފުލަން ޒަމާނީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައްވެސް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން އެއާޕޯޓުގައި ވަނީ 37،000 އަކަ މީޓަރުގެ ފިއުލް ފާމެއް ވެސް ގާއިމްކޮށްފައެވެ. ފިއުލް ފާމްގައި ތިން ސްޓޯރޭޖް ޓޭންކް ބަހައްޓާފައިވާއިރު، ކެޕޭސިޓީ ވަނީ ކުރިއަށް ވުރެ ތިން ގުނަ އިތުރުވެފައެވެ. އެމްއޭސީއެލްއިން ބުނީ، ފިއުލް ފާމްގައި 45 މިލިއަން ލީޓަރުގެ ޖެޓް އޭ1 ފިއުލް، އެއް މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރަައްކާ ކުރެވޭނެ ކަމަށެވެ. .

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!