ޚަބަރު ސަރުކާރު

ސިމެންތި ލޭޔަރ އަޅާފައި ހުރި އައްޑޫގެ މަގުތަކުގައި ތާރުއަޅަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އައްޑޫގައި ބޭއްވުނު ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނި

އައްޑޫގެ 60 ކިލޯމީޓަރުގެ މަގުތަކުގައި އަޅާފައިހުރީ އާދައިގެ ސީއެސްޕީ ސިމެންތި ލޭޔަރު ކަމުން، އެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ތާރު އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ އައްޑޫގައި ބެއްވުނު ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އަންނަނީ ކުރީގައި ކުރަންއުޅެ، ގޯސްކޮށް ކުރެވިފައިހުރި މަސައްކަތްތައް ވެސް ރަނގަޅު ކުރަމުން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އައްޑޫ މަގުހެދުމުގެ މަޝްރޫއު ނަންގަވައި ރައީސް ވިދާޅުވީ، ބައެއް މަގުތަކުގައި ހުރީ އެންމެ އާދައިގެ ސިމެންތި ލޭޔަރ އަޅާފައި ކަމަށާއި، އެ މަގުތަކުގައި ތާރު އަޅައިދެއްވާނެ ކަމަށެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލު ކޮށްގެން 2022 ވަނަ އަހަރު އައްޑޫގެ މަގުތަކުގައި ވަނީ ތާރު އަޅަން ފަށާފައެވެ. ނަމަވެސް، ތާރު އަޅާފައިވަނީ 100 ކިލޯމީޓަރުގެ ތެރެއިން 40 ކިލޯމީޓަރުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބާކީ ހުރި 60 ކިލޯމީޓަރުގައި އާދައިގެ ސިމެންތި ސީއެސްޕީ ލޭޔަރެއް އަޅާފައިހުރުމުން މަގުތައް ހަލާކުވަމުންދާ ކަމަށެވެ.

"މި ދެންނެވި ސީއެސްޕީ ސިމެންތި ލޭޔަރ އަޅާފައިހުރި 60 ކިލޯމީޓަރުގައި ތާރު އަޅައިދޭނަން އަޅުގަނޑުމެން. އެއީ ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރީމަ ވާވަރެއް ވާނެ. އެވަރުގެ މަޝްރޫއުއެއް މިއަހަރު އަމަލީ ގޮތުން ފެންނާނެ،"

ހަލާކުވަމުންދާ މަގުތަކުގައި ތާރުއެޅުމަށް ނިންމައި، އެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރެވިގެން ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ 18 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!