ޚަބަރު

އާ އަހަރުގެ އޮޕަރޭޝަން އިތުރަށް ވަރުގަދަކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އާ އަހަރާ ދިމާކޮށް އަދަދެއްގެ ފުލުހުން ނިކުމެ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރަން ފުލުހުން ނިންމައިފި އެވެ.

Ads by MWSC

"ރިވެލި" ނަމުގައި ކުރިޔަށް ގެންދާ އޮޕަރޭޝަންއާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން 22 ޑިސެމްބަރުން ފެށިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 6867 އުޅަނދެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި 908 މީހަކު ހުއްޓުވާ ބަލާ ފާސްކޮށްފައިވާާ ކަމަށެވެ.

އޭގެ އިތުރުން ކުށުގެ މާހައުލު ހިނގާފާނެ ތަންތަން އެ އޮޕަރޭޝަންގެ ތެރެއިން ބަލާ ފާސް ކުރާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގުމުގެ ފުރުސަތު ހަނި ކުރުމަށް ފުލުހުންގެ އަދަދު އިތުރުކޮށް، ޕެޓްރޯލް ކުރަމުން ދިޔަ ޕެޓާންއަށް ބަދަލު ގެނެސް ކުށް ހިނގާފާނެ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ޝައްކު ކުރެވޭ ފަރާތްތައް ހުއްޓުވައި ހަށިގަނޑު ބަލާ ފާސް ކުރުމާއި މަގުމަތިން އުޅަނދުފަހަރު ބަލާ ފާސް ކުރުމާއި ކެފޭ ރެސްޓޯރަންޓު ގެސްޓްހައުސް އަދި ޝައްކު ކުރެވޭ އެންމެހާ ތަންތަން ބަލާ ފާސް ކުރަން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް މިގެންދަނީ އަޅަމުން،" ސަމީރު ވިދާޅުވި އެވެ.

އޮޕަަރޭޝަންގެ ތެރޭގައި ސައިކަލުތަކުގެ މަޑިދަށާއި ކާރުތަކުގެ ޑިކީގެ އިތުރުން މީހުން ގެންގުޅޭ ދަބަސްތައް ބަލާ ފާސް ކުރާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

ހުޅުމާލޭގައި ފުލުހުން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިސްމާއިލް ވިދާޅުވީ އޮޕަރޭޝަންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ފުލުހުން ރަށު ތެރޭގައި ހަރަކާތްތެރިވާނެ ކަމަށާއި ހާއްސަކޮށް ރޭގަނޑު ވަގުތުގައި ފުލުހުންގެ ހަރަކާތްތައް އިތުރުވާނެ ކަމަށެވެ. އަދި ހުޅުމާލޭ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ފުލުހުން ފައި މަގުގައި ޕެޓްރޯލް ކުރަމުންދާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!