ދީން

ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެެއް: ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ" މުއުމިނުންގެ ސިފަތައް" މިއެވެ.

ހުތުބާގައި ބުނެފައިވަނީ އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ހަގީގަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެއް ކަމަށެވެ. އަދި ހަގީގަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި، ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ގިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ! މާތް ﷲ ވަޙީކުރައްވާފައިވައިވާ އާޔަތެއްގައި މާނާގައިވެއެވެ. ‎" އަދި އެބައިމީހުންނީ ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ." ހުތުބާގައި ބުންޏެވެ.

ކޮންމެ މީހަކީ ވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫން ކަމަށެވެ.

އެގޮތުން އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެ ކަލާނގެ ފަރުޟުތއް ކަމަށާއި ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީ ވެސް އަމާނާތެއް ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން މުއުމިނުންނަކީ ނަމާދުގައި މަޑުމޮޅިވެ، އެ ނަމާދު މާތް ﷲ ޤަބޫލުކުރައްވާނޭކަމުގެ އުންމީދުގައި ތިބެ އެ ކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދު ކުރާ މީހުން ކަމުގައި ޚުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!