ޚަބަރު

މާދަމާ ދޭ ވޯޓަކީ މިނިވަންކަން ކަށަވަރުކުރަން ދެވޭ ވޯޓެއް: ރައީސް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކެމްޕޭނު ނިންމަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެވޭ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި، ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށް ދެވޭ ވޯޓެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެންސީ/ޕީޕީއެމް މަޖިލީސް ކެމްޕޭނު ނިންމާލުމަށް ބޭއްވި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާދަމާ ދެވޭ ވޯޓަކީ ވަރަށް މުހިއްމު ވޯޓެއް ކަމަށެވެ. އަދި އެއީ ގައުމުގެ ކަންކަން ހެޔޮގޮތުގައި ނިންމުމަށްޓަކައި ދެވޭ ވޯޓަކަށްވާއިރު ޒިންމާދާރު ކަމާއެކު ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންފިއެވެ.

ރައީސް ވިދާޅުވީ، ބޭނުންވަނީ ގައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ނޫރު ގުގުމާލުމާއެކު އިސްލާމްދީނަށް ނަސްރު ދިނުމަކީ ފަހުރަކަށް ހެދުން ކަމަށެވެ. ރައްޔިތުން ''ދިވެހީންގެ ރާއްޖެ'' ގެނައުމަށް ރިޔާސީ އިންތިހާބުގައި ބަދަލަކަށް ވޯޓު ދިނީ އެގޮތް ބޭނުންވެގެން ކަމަށް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، ގައުމުގައި އެކަން ކުރިއަށް ގެންދިއުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އަދި އެ ބާރަކީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކަށް ވެފައިވާ ކަމަށެެވެ. އަދި އެ ވޯޓަކީ، ގައުމުގެ މިނިވަންކަމާއި، ރައްކާތެރިކަން ޔަގީންކުރުމަށް ދެވޭ ވޯޓަކަށް ވާތީ، އެ ޔަގީންކަން ކަށަވަރު ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ގޮވާލެއްވިއެވެ.

ގައުމުގެ ކަންކަން ނިމުމުގެ ބާރު މިއޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. ޖަހާ ފާހަގައެއްގެ ސިފައަށް މި އޮންނަނީ. އެ ފާހަގަ ހައްދަވައިދެއްވަންވީ އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީންކޮށް، އަޅުގަނޑުމެންގެ ގައުމުގެ ރައްކާތެރިކަން ހުރިހާ މާނައެއްގައި ކަށަވަރުކުރުމަށް ދެވޭ ވޯޓަކަށް

ގައުމުގެ މިނިވަންކަން ނުބައި މިސްރާބަކަށް ދަނިކޮށް، އެ ކޯލިޝަނުން ކުރި މަސައްކަތުން ހެޔޮ ފާލަށް އެޅިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އެމަނިކުފާނު ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ގައުމުން ފޮނުވާލުމުގެ މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އެ މަސައްކަތް އެންމެ ފަހު މަރުހަލާއަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިންނަަށް ބެލެހެއްޓުމުގެ ގާބިލްކަން މިހާރު އެބަހުރި ކަމަށާއި، މިއީ ދިވެހިން އަމިއްލައަށް ދިވެހިންގެ ކަންކަން ނިންމުމުގެ މިސާލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިންގެ ބާރު މި ގައުމުގައި ހިނގާ ތަނަކަށް ހަދައި، "ދިވެހިންގެ ރާއްޖެ" ބައްޓަންކޮށް، ނިމުނު ފަސް އަހަރު ކުރަން ފަށާފައިހުރި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާނަމަ، އެ ކޯލިޝަންގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!