ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ތިން ރަށަކަށް ފުރުސަތު ދެނީ

ކުރިއަށް އޮތް އަޟްހާ އީދު ކުލަގަދަކޮށް, ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ތިން ރަށަކަށް ފުރުސަތު ދޭން ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އީދު ފާހަގަކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައި, އެ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ, ރަށްތައް ކަނޑައަޅާނީ އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހަޅާ ރަށްތައް ބެލުމަށް ފަހު ކަމަށެވެ.
އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެ ވުޒާރާއާ ގުޅިގެން އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އިއުލާނުގައިބުނެފައިވެއެވެ. ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ އެ ވުޒާރާގެ އީމެއިލް [email protected] މެއިލް ކޮށްގެންނެވެ.
މިއަހަރުގެ ބޮޑު އީދު ދިމާވަނީ ޖޫން 17 އަށެވެ. ބޮޑު އީދު ބަންދަށް ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަަރުކާރު ބަންދުވެ އެވެ.