ޚަބަރު

ޕޯސްޓް ޕެކޭޖް އެޑްރެސް މައުލޫމާތު އޮޅުނީކަމަށް ބުނެ ސްކޭމްއެއް، ސަމާލުވޭ!

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ޕޯސްޓް ޕެކޭޖުގެ ޑެލިވަރީ އެޑްރެސް މައުލޫމާތު ގޯސްވުމުގެ ސަބަބުން ޕެކޭޖް ނުފޮނުވިފައިވާ ކަމަށާއި، މައުލޫމާތު އަލުން ފުރިހަމަކުރުމަށް އެދި ލިންކަކާއެކު ސްކޭމް މެސެޖެއް ފޮނުވަމުންދާތީ، ސަމާލުވާން އެދިއްޖެއެވެ.

Ads by MWSC

ފުލުހުން ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ޕެކޭޖެއް ގުދަނަށް އައިސްފައިވާތީ، އެޑްރެސް މައުލޫމާތު ގޯސްވުމުގެ ސަބަބުން ފޮނުވޭނެ ގޮތެއް ނެތްކަމަށާއި، ރަނގަޅު މައުލޫމާތު އަލުން ފުރިހަމަކުރުމުން ޕެކޭޖް ފޮނުވާނެ ކަމަށް ބުނެ ލިންކް ހިމެނޭގޮތަށް ފޮނުވަމުންދަނީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

ލިންކާއެކު ފޮނުވަމުންދާ މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

ސައިބާ ސްކޭމް މެސެޖްތައް އާންމުވެފައިވާތީ، މީގެކުރިން ވެސް ފުލުހުން ވަނީ އެފަދަ މެސެޖްތަކާއިމެދު ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެކި އިދާރާތަކުގެ ނަމުގައާއި، އެހެނިހެން ގޮތްގޮތަށް އެފަދަ މެސެޖުތައް ފޮނުވަމުންދާ ކަމަށާއި، އެފަދަ މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ނުފިތުމަށް އެދިފައިވެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!