ރަޝިއާ އާއި ރާއްޖެ އާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

މިދިޔަ މާރިޗް މަހުން ފެށިގެން ވައިގެ ދަތުރުތައް މެދުކަނޑާލާފައިވާ ރަޝިއާ އާއި ރާއްޖެ އާއި ދެމެދު ވައިގެ ދަތުރުތައް ފަށަން ތައްޔާރު ވެއްޖެއެވެ.
ރަޝިއާ ސަރުކާރުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ރާއްޖޭގެ އިތުރުން މިސްރަށާއި ދުބާއީއަށް ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ. އެގޮތުން، ކައިރޯއަށް ހަފުތާއަކު ތިން ފްލައިޓުގެ އިތުރުން ރާއްޖެއަށާއި ދުބާއީއަށް ހަފުތާއަކު ދެ ފްލައިޓު އޮޕަރޭޓު ކުރާނެކަމަށް ބުނެފައިވެ އެވެ.
ރަޝިއާއިން ވަނީ މިދިޔަ މަހުން ފެށިގެން ބައެއް ގައުމުތަކަށް ދަތުރު ފަށައިފައެވެ. އެގޮތުން އޯގަސްޓް އެކަކުން ފެށިގެން އިނގިރޭސިވިލާތައި ޓެންޒޭނިއާ އަދި ތުރުކީ އާއި ދެމެދު ދަތުރުތައް ފަށާފައިވާއިރު 15 އޮގަސްޓުން ފެށިގެން ސްވިޓްޒަލޭންޑަށް ވެސް ވަނީ ދަތުރު ފަށައިފައެވެ.
ރަޝިޔާގެ މިނިންމުމާ ގުޅިގެން ފޮރިންގް މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ރަޝިޔާގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަށްވެސް ޝާހިދު ބުނެފައިވެއެވެ.
އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން ޖުމުލަ 9،297 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މި މުއްދަތުގައި ރަޝިއާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ނެތް ނަމަވެސް އެ ގައުމުގެ ފަތުރުވެރިން ވެސް ވަނީ ރާއްޖެ އައިސްފައެވެ.