Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރިޕޯޓް

މިއީ ހަމްނާގެ ވާހަކަ، ''އަންހެނުންނަށް ވާނެ''

މިއީ ހަމްނާގެ ވާހަކަ، ''އަންހެނުންނަށް ވާނެ''
''އަމިއްލަ ނަފްސަށް ބުނެވެމުން ދިޔައީ, މިކަން ނުވާނެޔޭ, އެހާ ހިތްވަރެއް ނެތޭ،'' ސިފައިންގެއަށް ވަންނަން ފުރިހަމަކުރަން ޖެހޭ އަސާސީ ތަމްރީނުން މި ފަހަރު އެއްވަނަ ހޯދި ހަމްނާ ރަޝީދު (21 އަހަރު) ގެ ވާހަކަ ކާމިޔާބީއަކުން ނިންމި ނަމަވެސް ފެށުމަކީ އެއީ އެވެ. މީހާ ހުރީ ހިތްވަރު އެލުވައިލަން ވެސް ތައްޔާރަށެވެ. ކުރިއަށް ނުދާން ވެގެން، ފަހަތަށް ފިޔަވަޅެއް އަޅަން ފައި ވެސް ނެގި އެވެ. އެކަމަކު ސިފައިންގެއަށް ވަންނަ އަސާސީ ތަމްރީނާ ހަމައަށް ވެސް އޭނާ ވަނީ ދިގު ދަތުރެއް ކޮށްފައެވެ. ހަމްނާގެ ސިކުނޑިއަށް ވަޒަންވީ އެ ހަނދާންތަކެވެ. އެހާ ދުރަށް އާދެވިއްޖެ އެވެ. ދެން އަނބުރާލާފައި "ހުސްއަތާ" ދިޔުމަކީ އިހުތިޔާރެއް ނޫނެވެ. ޅައިރުގެ ހުވަފެނުގައި ކުލަ ޖައްސަން ދެން އޮތީ ދެތިން ފިޔަވަޅެކެވެ. ނަމަވެސް ކުރިމަތީ ހުރި ހުރަސްތައް މަދެއް ވެސް ނޫނެވެ. ކޮންމެ އަކަސް، ކުރިއަށް ޖެހެން އޮތް ފިޔަވަޅުތައް އެޅުމަށް ހަމްނާ ގަސްތު ކުރިއެވެ. ''ގުރެޖުއޭޓްވި ދުވަހު، އެ ރަސްމިއްޔާތަށް ގޮސް ތިބި މަންމަ އާއި ބައްޕަގެ ކުރިމަތީގައި އަޅުގަނޑަށް ވެސް އެ ޝަރަފުވެރި ވަނަ ހާސިލުކުރެވިއްޖެކަން އެމީހުންނަށް ދެއްކުނީމަ ވަރަށް ފަހުރުވެރިވެވޭ. އަޅުގަނޑުގެ މަންމަ އާއި ބައްޕަ ވެސް ހުރީ އުފަލުން ފެންކަޅިވެފައި،'' ދެން ނޫހަށް ދިން އިންޓަވިއު ފަށަމުން ހަމްނާ ބުންޏެވެ. ސިފައިންގެއަށް އޭނާ ޝައުގުވެރިކަން އުފެދުނު ގޮތާއި، ފަހުރުވެރި ވަނައާ ހަމަައަށް ކުރި ދަތުރު ކުރު ގޮތަކަށް ކިޔައިލަ ދޭނަމަވެ.

ސިފައިންގެއަށް ޝައުގު އުފެދުނު ގޮތް

ހަމްނާ ސިފައިންގެ މީހަކަށް ވުމުގެ ޝައުގުވެރިކަން ގޮސް ގުޅެނީ ޓީވީއާ އެވެ. އެންމެ ކުޑައިރުން ފެށިގެން ގައުމީ ކަންތައްތަކުގައި ސިފައިން ހަރަކާތްތެރިވާ ތަން އޭނާ އަށް ޓީވީން ފެނެއެވެ. އަޒުމް ކަނޑައެޅީ އެ ޔުނީފޯމު އަޅައިގެން ނިކުމެ ގައުމަށް ހިދުމަތް ކުރުމަށެވެ. ''އޭރުން ފެށިގެން ވެސް ހިތަށް އަރާ، އަޅުގަނޑު ބޮޑުވެގެން ވާނީ އެފަދަ ސިފައިންގެ މީހަކަށޭ. ސިފައިންގެ ޔުނިފޯމް އަޅައިގެން ގައުމީ ހިދުމަތް އިސްކޮށް އެހެން މީހުންނަށް އެހީތެރިވެދީ އަޅާލާ މީހަކަށް އަޅުގަނޑުވެސް ވާނަމޭ ހިތުގައި އޮވޭ'' ހަމްނާ ބުންޏެވެ. ދިއްދޫ ސްކޫލުން ތައުލީމު ހާސިލުކުރި ހަމްނާ ގާތު، ސްކޫލު ނިންމާލާފައި ކޮންތާކުހޭ އުޅޭނީ އަހާލާ އިރަށް އޭނާއަށް ވުރެ ކުރިން ރައްޓެހިން ޖަވާބުދެމުން ބުނަނީ ''ހަމްނާ އުޅޭނީ ސިފައިން ގޭގައި'' ކަން އޭނާ ބުންޏެވެ. އެހާ ވެސް ކުރަން ބޭނުންވި ކަމެއްގެ މިސާލު ޖަހަމުން، ހަމްނާ ބުންޏެވެ.

ސްކޫލު ނިމުނު ގޮތަށް ސިފައިންގެއަށް

ސިފައިންގެ ވަޒީފާއަށް އިއުލާނުކުރިއިރަކީ އޭލެވެލްގެ އެންމެ ފަހު ދުވަސްވަރެވެ. ހަމްނާ ވަޒީފާއަށް އެޕްލައިކުރިއިރު އޭލެވެލް ނުވެސް ނިމެނީސްއެވެ. އިންޓަވިއުކުރީވެސް ޓެސްޓުތައް ހަދަމުން ދަނިކޮށެވެ. ''އެކަމަކު ޓެސްޓް އޮތް ދުވަހެއް ނޫން އެއީކީ، އެހެންވެ، ސްކޫލުގެ އޭލެވެލް ނިންމި ގޮތަށް އެންމެ ފުރަތަމަ ވެސް ވަޒީފާއެއް ގޮތުގައި ނިކުންނަން ޖެހުނީ ސިފައިންގެ ހިދުމަތަށް'' ސްކޫލުގައި އިތުރު ހަރަކާތްތަކެއްގައި ބައިވެރިވެ 'ރަން' ވަނަތަކެއް ހޯދި ހަމްނާ ބުންޏެވެ. މާފިލާފުއްޓަށް ދިޔައިރުވެސް، ސިފައިންގެ ތަމްރީނު އެއީ ބުރަ ތަމްރީނެއްކަން ހަމްނާއަށް އެނގެއެވެ. ތަމްރީނުތައް ފެށިއިރު ފިޒިކަލީ ގޮތުން ހުރީ ތައްޔާރަށެވެ. މެންޓަލީއެއް ނޫނެވެ. ''ތަމްރީނުގެ ފުރަތަމަ ފަސް ހަފުތާ ދިޔައީ ހީކުރިވަރަށް ވުރެވެސް ޓަފްކޮށް އޭގެން އެނގުނީ، މެންޓަލީ ކިތަންމެ ރެޑީވެގެން ހުއްޓަސް، ފިޒިކަލީ ވެސް އެކަމަށް ތައްޔާރުވާން ޖެހޭކަން'' ތަމްރީނު ތެރޭގައި ދިމާވި އިންޖަރީއަކާއެކު ކުރިއަށް ދިޔުން އެއީ ހަމްނާއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ގިނަ ފިރިހެން ކުދިންތަކެއް ވެސް ތިބި ބެޗަކަށް ވާތީވެ، ތަމްރީނު އުދަނގޫ ވާނެ ކަންވެސް އެނގެއެވެ. އެކަމަކު ހަމްނާގެ ގޯލަކަށްވީ 'ފިޒިކަލީ' ގޮތުން އެހާ ހާޑް ތަމްރީނެއްގައި އެއްވަނަ ހޯދަންށެވެ. ހިތްވަރަކަށް ވީ ސްވިމިން އިން 100 މާކްސް ހޯދުމުވެ. މުދައްރިބުގެ އިރުޝާދާއި އެކުވެރިންގެ ހިތްވަރެވެ. ''މުދައްރިބުން އޭރު ބުނެދެއްވި، އަޅުގަނޑު ހިތްވަރު ދޫނުކޮށް ކުރިއަށް ގޮއްސިއްޔާ ކޯހުން ވަނައަކާ ހަމައަށް ދެވޭނޭ، ދެން ކޯހުގެ ތިއަރީ މާއްދާތަކުން ވެސް އޭރު 100 ހޯދަމުން ދިޔައިން. އެ ހުރިހާ ޗެލެންޖެއް ހުރަސްކުރެވުނީ މުދައްރިބުންނާއި އެކުވެރިން ދިން އެހީތެރިކަމާއެކު، ހިތްވަރު އެލުވައިނުލައި، ތަމްރީނު ފެށިގެން ނިމެންދެން ކުރެވުނު މަސައްކަތުގެ ސަބަބުން،'' ހަމްނާ ބުންޏެވެ. ކޯހުގެ މެދު ތެރެއިން ނެރުނު، އެންމެ ފުރަތަމަ ކޯހުގެ މެރިޓުގައި ހަމްނާގެ ނަން އޮތީ ހަތަރު ވަނައިގައެވެ. އިތުރަށް ހިތްވަރުލައިގެން މަސައްކަތްކޮށް މުޅި ކޯހުން އެއްވަނަ ހޯދަން ހިޔާލު އައި އެވަގުތުއެވެ. '''އަޅުގަނޑަށް މިކަން ވެދާނޭ ހިތަށްއެރި. އޭގެފަހުން ފޯކަސް ގެއްލުވާނުލައި ބެލީ ހުރިހާ ޓެސްޓްތަކަކުން ވެސް އެންމެ މަތިން މާކްސް ހޯދޭތޯ. އެކަން އިރާދަކުރެއްވިއްޔާ ހާސިލުކުރެވުނު'' މުޅި ކޯހުން އެއްވަނަ ލިބޭނެކަން ހަމްނާ އަށް އެނގުނީ ފައިނަލް ޕީއޯޕީ (ގުރެޖުއޭޝަން) އަށް އެއް ދުވަސް ވެފައި އޮއްވަ ފައިނަލް ރިހާސަލްގައެވެ. ކުރި ބުރަ މަސައްކަތުގެ ނަތިއްޖާ ހާސިލުވީ އެ ދުވަހެވެ. ''ވަރަށް އުފާވި ވަގުތުކޮޅެއް އެއީ. އެހާ ދުވަހު، ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ އެއްވަނަ ލިބުނީމަ" "އެ ރަސްމިއްޔާތަށް ގޮސްތިބި މަންމައާއި ބައްޕަގެ ކުރިމަތީގައި އަޅުގަނޑަށް ވެސް އެ ޝަރަފުވެރި ވަނަ ހާސިލުކުރެވިއްޖެކަން އެމީހުންނަށް ދެއްކުނީމަ ވަރަށް ފަހުރުވެރިވެވޭ. އަޅުގަނޑުގެ މަންމައާއި ބައްޕަ ވެސް ހުރީ އުފަލުން ފެންކަޅިވެފަ..'' ސިފައިންގެއަށް ވަންނަ ކަނބަލުންނަށް ހަމްނާގެ މެސެޖް ހަމްނާ ގަބޫލުކުރާ ގޮތުގައި ސިފައިންގެ އަސާސީ ތަމްރީނަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް ޗެލެންޖަކަށް ވެދާނެއެވެ. އެކަމު އެއީ އަންހެން ކުދިންނަށްވެސް ނުވާވަރު ކަމެއް ނޫނެވެ. ''ހިތްވަރާއެކު މަސައްކަތްކޮށްފިއްޔާ ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއްނޫން. އަދި ކޯހުން ފާސްވެ، ހިދުމަތަށް ނުކުންނަ ހިސާބުން އެ ކުއްޖަކު ކުރިއަށްދާނެ ވަރަށް ބައިވަރު ފުރުޞަތުތައް ހުޅުވާލެވިފައި އޮވޭ'' ހަމްނާ ކިޔައިދިނެވެ. އަދި ޒިންމާދާރުކަމާއެކު ގައުމަށް ހިދުމަތްކުރަން ބޭނުންވާ އަންހެން ކުދިންނަށް އޭނާގެ މެސެޖަކީ ސިފައިންގެ ހިދުމަތަކީ ކުރިއަށްދާން އެންމެ ރަނގަޅު ދާއިރާއެއް ކަމެވެ. ''އެ ކުއްޖަކު ކެރިއާ ބިލްޑްކުރަން ބޭނުންވާ ފުރުސަތުތައް އޮތް، އަދި ކުރިއަށް ދެވޭނެ މަގުތައް ސިފައިން ގޭގައި އޮތީ ފުޅާކޮށް ހުޅުވާލެވިފައޭ'' އިންޓަވިއު ނިންމާލަމުން ހަމްނާ ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް