ގާ ހުދުވުން ނުރައްކާ ހާލަތުގައިި، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލަން އެދިއްޖެ
ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވުމުގެ މައްސަލަ ނުރައްކާތެރި ހާލަތެއްގައި އޮތުމުގެ ސަބަބުން ބައެއް މަޝްރޫއުތައް މަޑުޖައްސާލަން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން އިލްތިމާސް ކޮށްފިއެވެ.
މި މައްސަލައި ގައި އެމްއެމްއާރްއައިއިން ނެރުނު ބަޔާނެއްގައި ބުނީ، މިދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދު ވުމަށް މަގުފަހިވާ ދުވަސްވަރެއް ކަމަށެވެ.
އެގޮތުން އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ)އިން ވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގާ ހުދުމުވުމުގެ ހާދިސާ އަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑުތަކަށް އަސަރުކުރާނޭ ފުޅާދާއިރާއެއްގައި ގާހުދުމުވުގެ ހަތަރުވަނަ ހާދިސާކަމަށް ބުނެފައިވެއެވެ
''މިއީ މި ފާއިތުވީ 10 އަހަރުތެރޭގެ ދުނިޔެއަށް މިގޮތަށް ފުޅާ ދާއިރާއެއްގައި ކުރިމަތިވާ ދެވަަނަ ގާ ހުދުވުުމުގެ ހާދިސާކަން ވެސް ފާހަަގަކޮށްފައެވެ'' ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މިވަގުތު އޮތީ “ވޯނިން" ލެވެލްގައި ކަމަށެވެ. އަދި ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މިވަގުތު "އެލަރޓް ލެވެލް 1"ގައި އޮތްކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި މުޅި ރާއްޖެ "އެލާޓް ލެވެލް 1" އަށް އަރާނެކަމަށް ލަފާ ކުރެވެއެވެ.
''ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަަށް އެލާޓް ލެވެލް 2 އަށް ފޯރުންވެސް އެކަށީގެންވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ގާ ހުދުވުމުގެއަސަރު ފުޅާ ދާއިރާއެއްގައި ކުރަމުން ދާކަމުގެ މައުލޫމާތު މި އިންސްޓިޓިއުޓަށް މިހާރު ދަނީ ލިބެމުންނެވެ'' ބަޔާނުގައިވެއެވެ.
އެމްއެމްއާރްއައިއިން ވަނީ މިކަން އާންމު ހާލަތަކަށް ދިއުމާ ހަމައަށް ބައެއް ކަންކަން ވަގުތީ ގޮތުން މެދުކަނޑާލަން ގޮވާލައިފައެވެ. ވަގުތީ ގޮތުން މަޑުޖައްސާލަން އިލްތިމާސް ކުރި ކަންކަމުގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ފަޅު ފުންކުރުމާއި، ބީޗް ނަރިޝިންގެ މަސައްކަތް ހިމެނެ އެވެ.