ނަމާލް ރާޖަޕަކްސަގެ ޓްވީޓެއް ދިވެހި ބަހުން

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އުމަރު ޢަބުދުއްރައްޒާޤާއި ސްރީލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސަ ބައްދަލު ކުރައްވާ ބައްދަލުވުމުގެ މައުލޫމާތު ދިވެހި ބަހުން ލިޔުއްވާ ޓްވީޓް ކުރައްވައިފިއެވެ.
ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ޓްވީޓްގައި ވިދާޅުވެފައި ވަނީ ސަފީރާއި ބައްދަލުކޮށް ދެގައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުއާ ބައްދަލުކޮށް ދެގައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުމަކީ ލިބުނު އުފަލެއް ، ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެ ގައުމު" ނަމާލް ލިޔުއްވާފައިވެއެވެ.
ރާއްޖޭގެ ވެރިކަން ހިންގާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާ ވެސް ގާތް ގުޅުމެއް އޮންނަ ނަމާލް މީގެ ކުރިން ވެސް ވަނީ ދިވެހި ބަހުން ޓްވީޓް ކުރައްވާފައެވެ. އަދި ބޭރުގެ އެހެން އިއްޒަތްތެރިން ވެސް ރާއްޖޭގެ ބައެއް މުނާސަބަތު ތަކާއި ގުޅިގެން ދިވެހި ބަހުން ޓްވީޓް ކުރައްވައެވެ.