ދީން

ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ: ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ވަރި" މިއެވެ.

ހުތުބާގައި ބުނީ، އިންސާނީ ދަރިފަސްކޮޅު ގުޅުވައިދޭ އެންމެ ވަރުގަދަ ގުޅުވުމަކީ ކައިވެނީގެ ގުޅުން ކަމަށާއި ނަމަވެސް ބައެއް ފިރިން އެ ގަދަފަދަ ވެގެންވާ ޢަހުދާ މެދު ފަރުވާކުޑަކޮށް މާތް الله ދެއްވި ނިޢުމަތަށް ފުރަގަސްދީ ކާފިރުވެ، ވަރި މިބަހަށް ފަރުވާ ކުޑަ ކުރާ ކަމަށެވެ.

ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސް ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދާ ކަމަށާއި ކަނބުލޭގެ މިވެނިކަމެއް ކޮށްފިނަމަ، އަދި މިވެނިކަމެއް ދޫކޮށްލައިފިނަމަ ނުވަތަ މިވެނިތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނާ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރަށް މައިންބަފައިންނާއި ވާހަކަ ދައްކާ އެ މީހުން ދިރިއުޅޭ ތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނާ ކަމަށާއި މިގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރާ ކަމަށެވެ. އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫނެވެ.

“ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި ވަރި ހުށަހަޅާފައިވެއެވެ. ދެހާސް އެކާވީހު ގައި އެގާރަ ސަތޭކަ ނުވަދިހަ ތިންވަރި، ދެހާސް ބާވީހުގައި ތޭރަ ސަތޭކަ ސާޅީސް ހަ ވަރި، ދެހާސް ތޭވީހުގައި ބާރަ ސަތޭކަ އައްޑިހަ އެއްވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން ދައްކައެވެ. މި މަޢުލޫމާތުތަކުން އެނގޭގޮތުގައި ޢާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، ޢާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ޙައްޤުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާޢިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނެއެވެ" ހުތުބާގައި ބުންޏެވެ.

މީގެ އިތުުރން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް ޢާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާ ކަމަށާއި ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ޙާލަތުގައި، ކެތްތެރިވެރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!