ޚަބަރު

މަގުމަތީ ކުނި އަޅަމުން ދުވަނިކޮށް ހޯދުނީ ލިޔެކިޔުން ނެތް ބިދޭސީއެއް، އޭނާ ޑިޕޯޓް ކޮށްލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާލޭ މަގުމައްޗަށް އާއްމުކޮށް ކުނިއަޅަމުންދާ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު ހޯދައި އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް އޭނާ ޑީޕޯޓްކޮށްލުމަށް ސިޓީ ކައުންސިލުން އިމިގްރޭޝަންއާ ހަވާލުކޮށްފިއެވެ.

Ads by STELCO

މަގުމައްޗަށް އާއްމުކޮށް ކުނިއަޅާ މީހުން ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. ކުނިއަޅާ މީހުންގެ ފޮޓޯއާ ވީޑިއޯވެސް ކައުންސިލުން ސޯޝަލް މިޑިއާގައި އާއްމުކުރެއެވެ.

ބިދޭސީއެއްގެ ފޮޓޯ ހިއްސާކޮށް މިއަދު ''އެކްސް'' ގައި ކުރި ޕޯސްޓެއްގައި ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިފައިވާ ބިދޭސީއަކު ދެނެގަނެވިފައިވާ ކަމަށެވެ.

ހޯދުނު ބިދޭސީ މީހާ އަކީ ލިޔެކިޔުމެއް ނެތި ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެހެންވެ، އެމީހާ ޑީޕޯޓްކުރަން ކަމާއި ބެހޭ ފަރާތްތަކާއި ވަނީ ހަވާލުކޮށްފައެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ކައުންސިލުން ހިއްސަ އެއް ނުކުރެއެވެ.

''މިހާރު ފުލުހުންނާއި ހަވާލުކުރެވިފައި، ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން'' ސިޓީ ކައުންސިލުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ފަށައި، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާ އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ވަނީ ފަށާފައެވެ.

ރާއްޖޭގައި ވޯކް ޕާމިޓް ދޫކޮށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު ކަމަށް ނިޒާމުގެ ތެރެއިން ފެންނަންހުރީ 139000 އެއްހާ މީހުންނެވެ. މީގެ ތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ އަދަދަކީ 90634 އެވެ. ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން، އެއް ގައުމަކުން މަސައްކަތް ކުރުމަށް ރާއްޖެއަށް އެންމެ ގިނައިން އެތެރެވެވޭނީ 1 ލައްކަ މީހުންނަށެވެ.

  1. އަހުމަދު

    ދާމަހުނޫން އަނެއްމަހު އަންނާނެ..ގައިމެއްނު..