ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން އޯއައިސީގައި ރާއްޖެއިން ގޮވާލައިފި
ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި, ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި މިއަދު ފަށާފައިވާ، އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ރާއްޖެއިން ގޮވާލައިފިއެވެ.
މި ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ސަމިޓުގައި ޝަހީމް ވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާ ގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވުމަށް ގޮވާލައިފައެވެ.
އަރަބި ބަހުން ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ވެސް ޝަހީމް ވަނީ ފާޅުކުރައްވައިފައެވެ.
ޝަހީމް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށް ބާރު އަޅުއްވައިފައެވެ.
ޝަހީމް ވިދާޅުވީ, 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށެވެ.
ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކުގެ މައްސަލަ ފާހަގަކުރައްވައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެޤައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ޝައުޤުވެރިވާ ކަން ވެސް ޝަހީމް ވަނީ ހާމަކުރައްވައިފައެވެ.