އިންޖިއަނިއަރިން އަށް ކުޑަކުދިން ޝައުގުވެރިކުރަން ސްޓެލްކޯއިން ހަރަކާތެެއް ބާއްވަނީ

ކުޑަކުދިންގެ ދުވަހާއި ދިމާކޮށް، އިންޖިނިއަރިން ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުމަށް ހާއްސަ ހަރަކާތެއް ބާއްވަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނީ، 10 މެއި، ކުޑަކުދިންގެ ދުވަހު އިންޖިނިއަރިން ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއެކު، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި އޮންނާނެ ކަމަށެވެ.
އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 އަށެވެ.

އަދި މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.
މިދިޔަ އަހަރުވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ސްޓެލްކޯއިން ވަނީ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ރަށްރަށުގައި ކުޑަކުދިންގެ ހަވީރުގައި ސްޓެލްކޯގެ ސްޓޯލް ކުރިއަަށް ގެންގޮސް، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި ގޭމްތަކާ އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީފައެވެ.
އެގޮތުން، އއ. މަތިވެރީގެ އިދާރާތައް ގުޅިގެން ބޭއްވި 'ކޮއްކޮމެންގެ ހަވީރު' ގައި މަތިވެރި އިންޖީނުގޭގެ މުވައްޒަފުންގެ ފަރާތުން ހަ ސްޓޯލެއް ތައްޔާރުކޮށް، ކުޑަކުދިންނަށް ކަރަންޓާ ގުޅޭ މައުލޫމާތު ދިނުމަށް ދަސްކުރަމާގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ކ. ތުލުސްދޫގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯ ތުލުސްދޫ އިންޖީނުގޭގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމުގައެވެ. އެގޮތުން އެ ކުންފުނީގެ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިން ޝައުގުވެރިވާ ފަދަ މެސްކޮޓްތަކާއި ތަފާތު ހަދިޔާތަކާ އެކު، ޕިކަޕް ބުރެއް ބާއްވައިދީފައެވެ.