ޚަބަރު ސަރުކާރު

އޭސީސީ ރިޕޯޓް ބޮލާލައި ނުޖަހާނެ، ފްލެޓްތައް ދޭނީ އެންމެ ހައްގުވެރި ގޮތަށް: ސަރުކާރު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ސަރުކާރުން ދޫކުރި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓް ބޮލައިލާ ޖަހާފައި ފްލެޓްތައް ދޫނުކުރާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފްލެޓް ލިިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، އޭސީސީގެ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން އެހެން އޮއްވާ، އެ ރިޕޯޓް ބޮލާލައި ޖަހާފައި ފްލެޓްތައް ދީފިނަމަ، ފްލެޓް ނުލިބި ތިބި ފަރާތްތަކުގެ އިތުރުން ފްލެޓު ލިބުނު ފަރާތްތައް ހިމެނޭހެން އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ.

"ހުރިހާ ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ ރިޕޯޓު ބޮލާލާޖަހާފައި އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ އެއީ ފްލެޓް ނުލިބި ތިބި ފަރާތްތަކުގެ ވެސް އަދި ފްލެޓް ލިބިފައި ތިބި ފަރާތްތަކުގެ ވެސް ހައްގުތަކެއް ގެއްލިގެންދާ ކަމެއް،"

އެހެންކަމުން، ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރި ގޮތަކަށް މައްސަލަ ހައްލު ކުރަން ކަމަށް ހީނާ ވިދާޅުވިއެވެ.

ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފައެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ބުނެފައިވެއެވެ.

އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.

  1. ޙަލީމާ

    ސަރުކާރުން ތި ހަމަޖެއްސެވީ ހަމަ ރަނގަޅަށް

  2. ބަލަކްޝީ

    މަހާނަމައްޗަށް މަޑިޔަށް ތިޔަޖެހުނީ. ބޭބީ ޝާކް ގެއަށް ކަނޑާލާ

  3. ޖަސްޓް ކަންސާން

    އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.

    ހީނާ ވަލީދު – މިމީހުއްނަށް ނުދެވިގެން މި އުޅެނީ ކީއްވެ ޔޯ