ޚަބަރު

ސައުދީ ޕްރިންސް ބަދުރު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ޕްރިންސް  ބަދްރު ބިން އަބްދުލް މުހްސިން ބިން އަބްދުލްއަޒީޒް އަލް ސައޫދު

ސައޫދީ އަރަބިއާގެ ޕްރިންސް  ބަދްރު ބިން އަބްދުލް މުހްސިން ބިން އަބްދުލްއަޒީޒް އަލް ސައޫދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށާއި، ސައުދީ އަރަބިޔާގެ ވަލީ އަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

Ads by STELCO

ރައީސް އޮފީހުން ބުނީ، މި ދެބޭފުޅުންނަށްވެސް ވަކި ވަކިން ތައުޒިޔާގެ މެސެޖް ރައީސް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ މެސެޖުގައި ރައީސް ވިދާޅުވީ، ބަދުރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

އަދި އެ މެސެޖުގައި ޕްރިންސް ބަދުރަކީ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ސައުދީއިން ފާހަގަކޮށްލެވޭ ޝަހްސިއްޔަތެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ސައުދީގެ އަދަބިއްޔާތާއި ސަގާފަތަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު ހިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަންކުރަމުންދާނޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށެެވެ.

މީގެއިތުރުން ޕްރިންސް ބަދުރުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަހުމަތްލައްވައި، މަރުހޫމުގެ ފާފަ ފުއްސުވުމަށް އެދި ދުއާ ކުރައްވައި، ސައޫދީ ރަސްގެފާނާއި، ވަލީ އަހުދާއި، ޝާހީ އާއިލާއާއި، އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ތައުޒިޔާ ދަންނަވާ ކަމަށް އެ މެސެޖް ނިންމާލަމުން ރައީސް ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 75 އަހަރުގެ ޕްރިންސް ބަދުރު އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެ މަނިކުފާނު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!