ޚަބަރު

މަސްދަރުގެ މާއްދާ ބަދަލުކުރަން ސަރުކާރުން ނިންމީތީ އެމްޖޭއޭން މަރުހަބާ ކިޔައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ރައީސް އޮފީސް

މަސްދަރު ބުނަން ޖެހޭ މާއްދާ ބަދަލު ކުރަން ސަރުކާރުން ނިންމީތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަރުހަބާ ކިޔައިފި އެވެ.

Ads by Sosun Fihaara

އެމްޖޭއޭން ބުނީ ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް، ސަރުކާރުގެ މެޖޯރިޓީ އޮޮންނަ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ދެލިކޮޕީއެއް އެކުލަވާލުމުގައި އެ ޖަމިއްޔާގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދޭނެ ކަމުގެ ޔަގީންކަން ޖަމިއްޔާއިން ދިނެވެ.

"ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އެ އިސްލާހުގެ މަސައްކަތް އަވަސްކޮށް ނިންމައި ގާނޫނަކަށް ވެގެން އަންނާނޭ ކަމަށް މި ޖަމިއްޔާއިން އުންމީދު ކުރަމެވެ." އެމްޖޭއޭން ބުންޏެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ކޮންމެ އަހަރަކު އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި މިދިޔަ އަހަރު ރާއްޖެ ވަނީ 13 ދަރަޖަ ފަހަތަށް ވެއްޓިފައެވެ.

މިއީ ނޫސްވެރިކަން ކުރަން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ ވެއްޓުމެވެ.

މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލެވެ.

އެ އިސްލާހުގައި ނޫސްވެރިން ލިޔާ ލިއުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ހިމެނެއެވެ.

މިކަމާ ގުޅިގެން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސްތަރުޖަމާނު ވިދާޅުވީ، އެ ބިލު އެ ނޫން ގޮތަކަށް ބަދަލު ކުރުމަށް އިސްލާހު ހުށަހެޅުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!